
މަންދީ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ/ ސަންލައިޓްވިލާ، 20 އަހަރުގެ އަހުމަދު ރިޝްމާހް އެވެ. އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސްވެސް ޖެހިއެވެ. އެކަމަކު، އޭނާގެ މައްޗަށް ކުރެވެނީ، ޖިނާއީ ކުޑަ ކުށެއްގެ ތުހުމަތުކަމަށް ބުނެ ކޯޓުންވަނީ ޝަރުތުކޮށް އޭނާ ބަންދުން ދޫކޮށްލާފައެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މީހާގެ މައްޗަށް ކުރާ ތުހުމަތަކީ، ޖެހުން، މުދަލަށް ގެއްލުން ދިނުން އަދި ކުށެއް ކުރުމުގައި ބައިވެރިވުމެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މީގެ ކުރިން ވެސް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރިޝްމާހު ހައްޔަރުކޮށްފައިވެއެވެ. އަދި މިދިޔަ ފެބްރުއަރީ މަހު ވެސް މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ބުންޏެވެ. މަންދީ ގަޔަށް ބަޔަކު ކަޅު ތެޔޮ ޖަހާފައި ވަނީ 16 މާރިޗް 2025 ވީ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގަ އެވެ. މަންދީގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި ވަނީ ހެލްމެޓު އަޅައިގެން އަދި މާސްކް އަޅައިގެން ސައިކަލުގައި އައި ބައެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މަންޒަރު ދުށް ފަރާތަކުން ބުނި ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ އާ ހިސާބުން ކަޅު ތެޔޮ ޖެހި ދެ މީހުން އައީ މަންދި ފޮލޯ ކުރަމުން ކަމަށެވެ.