ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އެއް ތަނބަކީ އެ ޕާޓީއެއްގެ ލީޑަޝިޕެވެ. ޕާޓީގެ އިސްމަގާމުތަކަށް މީހުން އައްޔަން ކުރުމުގައި، އާންމު މެންބަރުންގެ ސީދާ ވޯޓުން ވެރިން ހޮވުމަކީ ޕާޓީގެ މަގުބޫލުކަން އިތުރުވެ، އިތުބާރު ދެމެހެއްޓޭނެ ކަމެކެވެ. މިކަމުގެ ސަބަބުން، ޕާޓީގެ ލީޑަޝިޕަކީ ވަކި ބައެއްގެ މުށުތެރޭގައި ނުވަތަ ވަކި ފެކްޝަނަކުން ބުނާހާ ކަމެއް ކުރަން އޮންނަ ތަނަކަށް ވުމުގެ ބަދަލުގައި، މުޅި ޕާޓީގެ މެންބަރުން ތަމްސީލުކުރާ ބަޔަކަށް ވެގެންދެ އެވެ.
ހަމައެއާއެކު، ލީޑަޝިޕުގައި ތިބޭ ފަރާތްތަކަކީ މެންބަރުންނަށް ޖަވާބުދާރީވާންޖެހޭ ބަޔަކަށް ހެދުމަކީ ސިޔާސީ ތޮބީއަތުން ފެންނަ މަންޒަރަށް ބަލާއިއިރު ކުރުން ލާޒިމު ކަމެކެވެ. ޕާޓީގެ ނިންމުންތަކާއި ކުރާ މަސައްކަތްތަކާ މެދު ސުވާލު ކުރުމުގެ ފުރުސަތު އެ ޕާޓީއެއްގެ އާންމު މެންބަރުންނަށް އޮންނަންޖެހެ އެވެ.
މީގެ އިތުރުން، ޕާޓީގެ ވެރިންނާ މެދު މެންބަރުން ހިތްހަމަނުޖެހޭ ހާލަތްތަކުގައި، އެ މީހުންގެ އިތުބާރު އޮތްތޯ ބެލުމަށް "ފެންނަ ނުފެންނަ ވޯޓެއް" ނެގޭނެ ނިޒާމެއް އޮތުމަކީ ވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ލީޑަޝިޕުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވި، އަބަދުވެސް މެންބަރުންގެ ލާބަޔަށް މަސައްކަތް ކުރުމަށް ބާރުއެޅޭނެ އެވެ. އަދި ޕާޓީގެ އިދާރީ ހިންގުމުގެ ކަންކަން، ފައިސާގެ މުއާމަލާތްތަކާއި ނިންމުންތައް ނިންމާ ގޮތް އާންމު މެންބަރުންނަށް ސާފުކޮށް އެނގެން އޮތުމަކީ ޕާޓީގެ ދެފުށް ފެންނަ މިންވަރު ހާމަކޮށްދޭ އަދި ރައްޔިތުންގެ ތާއީދު ސިޔާސީ ޕާޓީތަކަށް ލިބޭނެ ކަމެކެވެ.
ޒަމާނީ ސިޔާސީ ނިޒާމުތަކުގައި މިހާރުން މިހާރަށް އުފަން ކުރަންޖެހޭ މުހިންމު އަނެއް ކަމަކީ، ޕާޓީގެ ޗެއާޕާސަން(އިދާރީ ވެރިޔާ) ނުވަތަ ރައީސް އަކީ އޭނާގެ ހިންގުމުގެ ދައުރުގައި "އަންނަ" އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓަށް ނުވުމެވެ. ޕާޓީގެ ވެރިޔާގެ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ޕާޓީ ވަރުގަދަކޮށް، އިންތިހާބުތަކުން މޮޅުވާނެ ހުރިހާ ސިޔާސަތުތައް ކުރިއަށް ނެރުމެވެ.
މިގޮތަށް އަމަލުކުރުމުން، ވެރިކަމުގެ ދަހިވެތިކަމުގައި މިހާރު ސިޔާސީ ޕާޓީތަކުގެ ތެރެއިން މިފެންނަ ޕާޓީގެ އަސާސްތައް ގުރުބާންކުރުން ހުއްޓުވޭނެ އެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ވަސީލަތް ވަކި މީހަކު ހޮވުމަށް ނުވަތަ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ނިމުން އައުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ވަސީލަތް ވަކި މީހަކު ހޮވުމަށް ނުވަތަ ޕްރޮމޯޓް ކުރުމަށް ބޭނުން ކުރުމުގެ އާދަކާދައެއް ޕާޓީތަކުގެ ތެރޭގައި އޮންނަ ވާހަކައަކީ ވަރަށް ބާރަށް ދައްކާ ވާހަކަ އެކެވެ. އެކަމުގެ ސަބަބުން ކޮންމެ ފެކްޝަނަކުން ވެސް ބަލަނީ ޕާޓީ ހިންގުން އެ ބަޔަކު ބޭނުންވާ ފެކްޝަނަކަށް ފުރޮޅާލެވޭތޯ އެވެ.
މި ވާހަކަތައް އެގޮތައް ދައްކަނީ ހަގީގަތްތަކެއް އޮވެގެން ކަމަށް ގަބޫލު ކުރާ މީހުންގެ ނިސްބަތް އިތުރުވެ، ޕާޓީ އުފެއްދި ހަގީގީ މަގުސަދު ކަމަށްވާ އަދުލު އިންސާފު އަކީ ބުނެލާ ބުނެލުމަކަށްވެގެންދާ މަންޒަރުތައް މިހާރު ވެސް ފެންނަކަމަށް ބުނެ ރަށުތެރޭގައި ވާހަކަ ދައްކާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތަކަށް ދީފައި ވަނީ މަދަނީ "ޖަމިއްޔާއެއްގެ" ހައިސިއްޔަތު ކަމަށް ގިނަ ރައްޔިތުން މިއަދު ގަބޫލުކުރާއިރު އަދި ވަކިން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ބައިވެރިވުން "ފެންނަ" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ "ހުވާ" ގެ އެއްވެސް ތަނެއްގައި ވެސް "ސިޔާސީ ޕާޓީ" މި އިބާރާތް ބޭނުންކޮށްފައި ނެތް ނަމަވެސް ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮންމެ އަހަރަކަށް ވެސް ލަފާކޮށް މަޖިލީހުން ފާސްކުރާ ބަޖެޓުގެ 0.1 ޕަސެންޓު ހާއްސަ ކުރަންޖެހެނީ ސިޔާސީ ޕާޓީތަކަށެވެ.
އެ ފައިސާ މިހާރު ބަހަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. މިއީވެސް ސިޔާސީ ޕާޓީތައް މިހާރަށް ވުރެ ހަރުދަނާކޮށް "ދައުލަތާއި ސަރުކާރަށް" ބަރޯސާވުން ކުޑަ ކުރުމަށް ބަދަލުގެންނަން ޖެހޭ ކަމެކެވެ. އެގޮތުން ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން މުޅިން ހުއްޓާލުމަކީ ވެސް ފުންކޮށް ވިސްނުމަށް ފަހު ކުރެވިދާނެ ކަމެކެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، މެންބަރުންގެ އެހީތެރިކަމާއެކު ހިނގާ ޕާޓީތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، އިހުލާސްތެރި ޕާޓީތަކަކަށް ވާނެ ނޫންތޯ އެވެ.
ތަހުޒީބު ގައުމުތަކުގައި ސިޔާސީ ޕާޓީތައް ހިނގަނީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެގެނެއް ނޫނެވެ. އެ ގައުމުތަކުގައި ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެންބަރުންނެވެ. ކޮންމެ ނިންމުމެއް ނިންމަނީ މެންބަރުންގެ މަޝްވަރާއާއި ވޯޓުންނެވެ. އެއީ ރައްޔިތުން ތާއީދުކުރާ ވަކި ފިކުރެއް ނުވަތަ އުސޫލުތަކެއް ދެމެހެއްޓުމަށް އޮންނަ ގާނޫނީ މުއައްސަސާތަކެކެވެ.
އިސްލާމީ އުސޫލުތަކުގައިވާ "ޝޫރާ" ނުވަތަ މަޝްވަރާގެ ރޫހާ އެއްގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސީ ޕާޓީތައް ބައްޓަން ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް މިއަދު ނުހަނު ބޭނުންތެރި ބަދަލެއް ކަމަށް ރައްޔިތުން ބުނަށް ފަށައިފި ކަމަށް ހޮޅުއަށިތަކުން އިވޭ އަޑުތަކުން ވަރަށް ސާފެވެ.
ސިޔާސީ ޕާޓީތަކުން މާލޭގައި ދިދަފަތި ދަމާފައި - ފޮޓޯ: ދައުރު
ރަށުތެރޭގައި އެވާހަކަތައް އެގޮތަށް ދައްކާއިރު އެތެރޭގެ އިންތިހާބުތައް ވަކި މީހަކަށް ކާމިޔާބުކޮށް ދިނުމަށްޓަކައި ޕާޓީގެ އެންމެހާ ވަސީލަތްތައް ބޭނުން ކުރުމަށް އޮންނަ ފުރުސަތު އަދި ޕާޓީ ހިންގާ މީހާ އެ މަގާމުގައި ހުރެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެވޭގޮތަށް އޮތުމަކީ އިންސާފުން ކަންކަން ހިންގުމަށް އޮތް މަގެއް ނޫން ކަމަށް ގަބޫލުކޮށް އެކަންކަން ބަދަލު ކުރަން އަދި ވެސް ނުވޭތޯ މިއީ މިހާރު ކުރަން ޖެހޭ ބޮޑު ސުވާލެއް ނޫންތޯ އެވެ.
ކަންމިހެން ހުރުމުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިން، ސިޔާސީ ޕާޓީތައް ވެސް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:
ހުށައެޅުން
ނަތީޖާ
ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކޮށްދޭ، ގައުމީ ފިކުރު އިސްކުރާ ތަންތަނަށް ހަދަންޖެހެ އެވެ. ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެންބަރުންކަން ކަށަވަރުކޮށް، ލީޑަޝިޕް ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި މިއަދު އަޅަންޖެހިފައިވާ އެންމެ މުހިންމު ފިޔަވަޅެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށާއި، ގައުމީ މައްސަލަތަކުގައި ސިޔާސީ ޕާޓީގެ ދުރުވިސްނުން ހާމަކުރުމަށްޓަކައި މުހިންމު ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;