
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ކަނޑައެޅުމަށް ތިން ގޮތެއް ހުށަހަޅައި، އާންމުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވާލިއެވެ. މީގެތެރެއިން އެންމެ ގިނަ ބަޔަކު ތާއީދުކުރީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ކުރިން ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯކޮޅެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަބާދީގައި މިވަގުތު ތިބީ 4 ލައްކަ 11ހާސް 741 މީހުންކަމަށެވެ. މީގެތެރެއިން 2007 ޖެނުއަރީގައި އުފަންވެފައިވާ މީހުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިބި ދިވެހިންގެ އަދަދަކީ 1 ލައްކަ 24 ހާސް ދެ މީހުންކަމަށެވެ. އަދީ މީ ރާއްޖޭގެ މިވަގުތު އާބާދީގެ 30.1 އިންސައްތަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދުންފަތުުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ދިވެހި ޖީލު ސަލާމަތްކުރަން އެންމެން ގުޅީގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. އެހެންކަމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް 'ޖެނެރޭޝަން ބޭން' ކަނޑައަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކާ ގުޅިގެން %84 މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 2021 ވަނަ އަހަރު ހެދުނު ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާ ގުޅޭ ސާވޭ ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.