
ރައީސް މިހެން ވިދާޅުވީ 2000 ވަނަ އަހަރަށްފަހު ވިހެއި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަން ބޭން" އެއް ގެނައުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމާނެކަން އިއުލާނުކުރައްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީވެސް ދުންފަތުގެ އިސްތިއުމާލުކުރުމެވެ. މިކަމަށް ރައީސް ވަނީ މޯލްޑިވްސް ހެލްތް ސްޓެޓިކްސް ސާވޭ 2022 އަށް ރިއާޔަތް ކުރައްވާފައެވެ. ދުންފަތް މަނާކުރަން ކަނޑައަޅާ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ރައީސް ނެންގެވި ސޯޝަލް މީޑިއާ ޕޯލެއްގައި 61 ޕަސަންޓު ވޯޓު ލިބިފައިވަނީ 2000 އިން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމާއި، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ 8 ރުފިޔާއަށް މަތިކުރުން ހިމެނެއެވެ. ހެލްތް މިނިސްޓްރީން ވަނީ މިކަމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާވެސް ބައްދަލުކޮށްފައެވެ. ޖެނެރޭޝަން ބޭން ގެނެވިއްޖެނަމަ، ރާއްޖެ ވެގެންދާނީ އާބާދީގެ ބަޔަކަށް ދުންފަތް މަނާކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށެވެ.