
ތާބިޝްއާއި ވަކިވި ދުވަހުން ފެށިގެން ފިޒާގެ އެންމެ ބޮޑު ބިރު އޭނާއާއި އަރާހަމަކުރީ އެވެ. ތާބިޝްއާއި ނުލައި ފާއިތުވި ކޮންމެ ދުވަހެއްގައި ހިތުގައި އާވަމުންދިޔަ އެންމެ ބޮޑު ނުތަނަވަސްކަމަކީ ތާބިޝްއާއި ދިމާވެއްޖެނަމަ، އޭނާގެ ހަޔާތުން ފިޒާނެރި ބޭރުކުރާނެކަމުގެ ބިރެވެ. ވަރިއަށް އެދިފާނެކަމަށް ހީކުރެވުނު ކޮންމެ ވަގުތެއްގައި ފިޒާގެ ނޭވާ ތާށިވެ، ލޭހިނގުން ހުއްޓޭކަމެއް އެހެން މީހަކަށް ނޭގޭނެ އެވެ.
މިއީ އަންނާނެ ދުވަހެއްކަމާއި، ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ސިފައެއްގައި މި ވަގުތު ބައްދަލުކުރާނެކަން ފިޒާއަށް އެނގެ އެވެ. ތާބިޝްއަށް ފެންނަ ހިސާބަށްވެސް އަންނާން ބޭނުންނުވެ، 'ފިލައިގެން' އުޅުނު ސަބަބު މިއަދު ފިޒާ ބަލިކަށިކޮށްލައިފި އެވެ.
ދެން އޮތީ ކުރިމަތިވި ހާލަތުން އަރައިގަނެ، ޖެހުނު ތޫފާނުން ގަދަވެގަތުމެވެ. އެކަމަށް ފިޒާ ތައްޔާރުވާން ބޭނުމެވެ. ދެވަނަ ފުރުސަތެއް ދޭން ބޭނުންނުވިޔަސް، ހަތިޔާރު ބަހަށްޓާން މަޖުބޫރުވި ސަބަބަކީ މިއީ އެވެ. ތާބިޝްގެ ހަޔާތުން އެހެން އަންހެނަކަށް ފުރުސަތު ދިނުމަކަށް ފިޒާއަށް ދުވަހަކުވެސް އެއްބަހެއް ނުވެވޭނެ އެވެ. ފިޒާގެ ހަޔާތުން އެހެން ފިރިހެނަކަށް ފުރުސަތު ދިނުމަކީ ފިޒާގެ ހުވަފެނެއްގައިވެސް އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. ހަޔާތުގެ ދަތުރުގައި ފިޒާގެ ނަވް އޮޔާއެކު ލެއްގީ، ހަތަރު އަނގޮޅިއެއްގެ މެދަށެވެ. ލޯ މަރައިލީ ނެތް ހިތްވަރުވެސް ލިބިގަތުމަށެވެ.
"މިއީ ތާބިޝްއަށް ލިބުނު ކާމިޔާބެއްކަމަށް، ހީނުކުރާތި..! އަހަރެން މިދަނީ ތާބިޝްގެ އެދުމަށް، ތާބިޝްއާއެކު ތާބިޝްގެ ގެއަށް.. އެކަމަކު އަހަރެންގެ ހިތުން ޒައްރެއްގެ މިންވަރުވެސް ތާބިޝްއަށް ލިބޭނެކަމަށް އުއްމީދުކުރުމަކީ މޮޔަކަމެއް.. އަހަރެންގެ ހިތާއި ހިސާބަށް ތާބިޝް ކައިރިވުމަށްވެސް ފުރުސަތެއް ނުދޭނަން..! ދުވަހަކުވެސް ތާބިޝްއަށް އެފުރުސަތު ނުދޭނަން..!" އަމިއްލަ ހިތުގައި އަޒޒުމު ކަނޑައެޅުމަށްފަހު، ބޭބެއާއި ދައްތައަށް ވަދާއީ ސަލާމުން، ސަލާމްކުރި އެވެ. ދެ ލޯ ފޮހެލަމުން ފިޒާ ފުރަގަސްދިނީ އޭނާގެ އަޒުމުގައި ހިފެހެއްޓުމަށް ނިޔަތްގަނެފަ އެވެ.
ކާރުގައި ލެނގިލައިގެން ތާބިޝް އިންތިޒާރުކުރަމުންދިޔައީ ފިޒާ އަންނާނެ ވަގުތަކަށެވެ.
ފޮށި ދަމަމުން ފިޒާ އަންނަތަން ފެނުމުން ހިނިތުންވެފައި ތާބިޝް ބަލައިލި އެވެ. އަދި އަރައިހަމަވުމުން ފިޒާގެ އަތުން ފޮށި އަތުލައިގެން ގޮސް، ކާރުގެ ޑިކީއަށް ފޮށިލާފައި އައިސް، ފިޒާއަށް ޕެސެންޖަރ ސީޓްގެ ދޮރު ހުޅުވައިދިނެވެ.
ފިޒާ ކާރަށް އެރުމާއެކު ތާބިޝް ކާރު ދުއްވާލީ، ލިބުނު ކާމިޔާބުގެ ހިތްހަމަޖެހުމާއި ހިނިތުންވުމަކާއެކު އެވެ.
................
ދުއްވަމުންދިޔަ މަގުތަކުގެ މަންޒަރު ކިތަންމެ ހާސްކަން ބޮޑަސް، ފިޒާގެ ނަޒަރު ހުއްޓުވާލާފައިވަނީ ބިއްލޫރިގަނޑުން ބޭރަށެވެ. ފިޒާއާއި ވާހަކަދައްކާނެ ހުރިހާ މިސްރާބެއްގެ ދޮރުގައި ތާބިޝް ޓަކި ޖެހި އެވެ. ނަމަވެސް ލިބުނު ކާމިޔާބެއް ނެތުމުން މާޔޫސްކަމުގެ ސާލުއޮޅައިލުން ފިޔަވައި އެހެން އިހްތިޔާރެއް ތާބިޝްއަކަށް ނެތެވެ. ފިޒާއާއިއެކު ކާރުގައި އެހެން މީހަކު އިންކަންވެސް ފިޒާއަށް ނޭގޭފަދަ އެވެ.
ފޫހި ދަތުރަކަށްފަހު، ތާބިޝްގެ ގޭގެ، ގޭޓުން ކާރު ވައްދާލައިފި އެވެ. ތާބިޝް އައިސް ކާރު ދޮރު ހުޅުވުމުގެ ކުރިން ފިޒާ އަވަސްއަވަހަށް ދޮރު ހުޅުވާފައި ނިކުމެއްޖެ އެވެ. ފެނުނު މަންޒަރުން ހުއްޓުން އެރި އެވެ. ވަށައިގެން އޮތް ބަގީޗާއަށް ލޯ ނުހުއްޓޭނީ ފެނުމުގެ ހިއްސު ހަމަޔަށް ލިބިފައި ނެތް މީހެއްކަން ފިޒާއަށް އިހްސާސްކުރެވުނެވެ.
ވަށައިގެން ބަލައިލުމަށްފަހު ފިޒާގެ ސަމާލުކަމަށްއައީ ކުރިން ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި، ނަމަވެސް މިހާރު ޒަމާނީ ފެންވަރަށް ހަދާފައިވާ ކުޑަވަރެއްގެ ވަރަށް ހިތްގައިމު ގަނޑުވަރެކެވެ.
ޝައުގުވެރި ނަޒަރަކުން ތާބިޝްގެ ގެއަށް ބަލައިލުމަށްފަހު ފިޒާ ބަލައިލީ ތާބިޝްއަށެވެ.
"އަހަރެން ނެރި ބޭރުކުރުމަށްފަހު، ލައްކަފައިސާ ހޯދައިފިން ދޯ..!" އެއްމިޔަކަނުން ހިނިއައިސްފައި ފިޒާ ބުނި ބާރުގަދަ ޖުމުލަ ތާބިޝް ލަދުގަންނަވާލި އެވެ.
އެ އަޑުއަހަން ކަންފަތަށް ކެތް ނުވުމުން ތާބިޝް އިސްޖަހައިލި އެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވި، މާޒީއާއިމެދު އޮތް ޝަކުވާގައި ހުޅުޖަހަންވެސް ތާބިޝް ބޭނުންވި އެވެ. ނަމަވެސް އެފަދަ ބާރެއް ތާބިޝް އަތަކު ނެތެވެ.
"ދޮންތީ.. ދޮންތީ.." ކުޑަކުޑަ އަންހެން ކުއްޖަކު ނިކަން ބާރަށް ދުވަމުން އައިސް، ފިޒާގެ ފައިގައި ބާރަށް ބައްދައިފި އެވެ. ވާނުވާ ނޭގިފައި ފިޒާ ބަލައިލީ ތާބިޝްގެ މޫނަށެވެ.
"ތިއީ މާޔާ.." ތާބިޝްގެ ބުނުމާއެކު ފިޒާއަށް ލިބުނު ޝޮކުގައި އަނގަހުޅުވިފައި ބަލައިލީ އޭނާގެ ފައިގައި ބާރަށް ބައްދައިގެން އޮތް ލޯބިލޯބި އަންހެން ދަރިފުޅަށެވެ.
ކުއްލިޔަކަށް ގުދުވެފައި ބިންމަތީގައި ދެ ކަކޫ ޖައްސާފައި މާޔާއާއި އެއްހަމައަކަށް ތިރިވެ، ނުހަނު ބާރަށް އެ ދަރިފުޅުގެ ގައިގަ ބައްދާލި އެވެ.
"މާޔާ ބޭބީ.. މާ ޝާ ﷲ.. ހާދަހައި ބޮޑުވެއްޖެއޭ.. މިހާރު ދޮންތިއާއި އެއްވަރުވަނީ.. މިހާރުވެސް ދޮންތިމަތިން ދަރިފުޅު ހަނދާންހުރޭތަ..؟ ދޮންތި މި ގެއިން ބޭރުކުރިއިރު މާޔާއަށް އެންމެ ތިން އަހަރު.." ދެ ލޯ ފެންކަޅިވިޔަސް ފިޒާ ބޭނުން ޖުމުލަ ފުރިހަމަކުރި އެވެ. އަޑުއަހަން އުނދަގުލަސް، އެ ޖުމުލަ ތާބިޝްޖެހުނީ އަޑުއަހާށެވެ. އެ ބުނެލުމުގެ އެންމެ ލަފްޒަކުން، ތާބިޝްގެ ހިތް ފުނޑުފުނޑު ވެއްޖެކަން ފިޒާއަށް ނޭގުނީތީވެސް އޭނާގެ ތަގްދީރު މަލާމަތްކުރާނެ އެވެ.
"ކޮންމެ ދުވަހަކު މަންމައާއި ބައްޕަވެސް ދޮންތިގެ ފޮޓޯ ދައްކާފައި ދޮންތިގެ ވާހަކަ ކިޔައިދޭ.. އެހެންވީމަ މާޔާ ހަނދާނެއް ނުނެތޭ..! ތިއީ މާޔާގެ ލޯބިލޯބި ދޮންތި..! މަންމަ ބުނީ، މިރޭ މާޔާ ނިދުމުގެކުރިން ދޮންތި މިގެއަށް އަންނާނެޔޯ.. ސޯ އައި ވޯޒް ވެއއިޓިންގ ފޯ ޔޫ..! މާޔާ މިހިރީ ވަރަށް ވަރަށް އުފާވެފައި.. މާޔާގެ ދޮންތި ލިބުނީމައި..!" ދެ ކަކޫ ޖަހައިގެން ފިޒާ އިނީ ވަރުބަލިކަމެއް ނެތި އެވެ.
ފިޒާގެ ދެ ކޯތާފަތް ކުޑަކުޑަ ދެއަތުން ފޮހެލައި ދިނުމަށްފަހު، ފިޒާގެ ދެ ލޮލުގައި މާޔާ ބޮސްދިނެވެ. ކުރިއަށްވުރެން މާބާރަށް މާޔާގެ ގައިގައި ފިޒާ ބައްދާލި އެވެ. ކުރިމަތީން ފެންނަމުންދިޔަ ބާރުގަދަ ގުޅުމުން ތާބިޝްގެ ލޯ ފެންކަޅިވި އެވެ. މާޔާއަކީ ކޮންމެ މީހަކުވެސް ލޯބިން ހިތްފުރާލަދޭނެފަދަ ލޯބި ކުއްޖެކެވެ. ނަމަވެސް ފިޒާއާއެކު މިވަގުތު އުޅެމުން އެދާގޮތަކީ ތާބިޝްއަށްވެސް މުޅިން އައު މަންޒަރުތަކެކެވެ.
މާޔާގެ ލޯބި ވާހަކަތައް އަޑު އަހަމުން ވަރަށް މަޑުމަޑުން މާޔާގެ ދެކޮލުގައި ފިޒާ ހިފާލި އެވެ. ބަގީޗާގައި ފޮޅިފައިވާ މާމެލާމެއްޔަށް އުފާވެރިކަން ގެނުވާފަދަ ހިނިތުންވުމަކުން މާޔާ ހީލި އެވެ.
"ދޮންތީ... މާޔަ ބޭބީ އިރުގައިވެސް ހަމަތިގޮތަށް މާޔާގެ ކޮލުގައި ދޮންތި ހިފާލާ ވާހަކަ މަންމަ އަބަދުވެސް ބުނޭ..!" ފިޒާގެ މޫނުގައި ފިރުމާލަމުން މާޔާ ބުންޏެވެ.
"ދޮންތިގެ ޕްރިންސެސްއަށް ސަވާނާ ކިހައި ވާހަކައެއް ކިޔައިދީފައި އެބަހުރިބާ..؟" ވިސްނާލާ ގޮތްދައްކަމުން ފިޒާ ސުވާލުކޮށްލީ ލޯބިގޮތަކަށެވެ. ކުޑަކުޑަ މާޔާ، ފިޒާގެ އަތުން ދޫކޮށްނުލަ އެވެ.
"އެތެރެއަށް ހިނގާ.. ދޮންތިއާއި ބައިވަރު ވާހަކަދައްކަން އެބަހުރި.." ފިޒާގެ އަތުގައި ހިފައި ދަމައިގަންނަމުން ކުޑަކުޑަ މާޔާ ބުންޏެވެ.
"ސްލޯ ޑައުން ދަރިފުޅާ..! ދެކުދިން އެކުގައި ވެއްޓިދާނެ..!" މާޔާ ފިޒާގެ އަތުގައި ހިފައިގެން ދުއްވައިގަތީ ގެއާއި ދިމާއަށެވެ. މާޔާ ދުވަމުން ދިޔައީ މަންމަ ސަވާނާއަށް ގޮވަމުންނެވެ.
"މަންމާ މަންމާ، މިއޮއްއައީ ދޮންތި.. މަންމާ.. މަންމާ.." ގޭގެ ހުރިހައި ކަނެއްގައި މާޔާގެ އަޑު ހަރުލާވަރަށް ބާރަށް އޭނާ އިއުލާންކުރަމުންދިޔަ އުފާވެރިކަން މުޅި ގެ އިހްސާސްކުރަންފަށައިފި އެވެ. މާޔާގެ އަޑަށް ސަވާނާ ނިކުތީ ދުވެފަ އެވެ.
"ފިޒާ" ހިނިތުންވެފައި ފިޒާގެ ނަން ސަވާނާ ކިޔައިލި ނުހަނު ލޯތްބާއެކު އެވެ.
"ސަވާނާ" ގާތުގައި ހުރި މީހަކަށް ވިސްނުމެއް އަދި ފިކުރުކުރުމެއް ނެތި ފިޒާ ދިޔަގޮތަށްގޮސް، ސަވާނާގެ ގައިގައި ބައްދާލި އެވެ.
"ކޮންމެވެސް ދުވަހަކުން، ދެވަނަ ފަހަރަށްވެސް މިގެއަށް އުފާވެރިކަން އަންނާނެކަން އަހަންނަށް އެނގޭ.. ފިޒާއަކީ މި ގޭގެ އުފާވެރިކަން..! ތާބިޝްގެ ލޯބި، ފިޒާ މިގެއާއި ހަމައަށް ގެނައީތީ ﷲއަށް ހަމްދާއި ޝުކުރުކުރަން.. ދެކުދިންނަށް އުފާވެރިކަމާއި ފާގަތިކަން މިންވަރުކުރައްވާށި..!" ފިޒާގެ މޫނުގެ ދެފާރާތުގައި ހިފަހައްޓާލާފައި ނިއްކުރީގައި ބޮސްދެމުން ސާވާނާ ބުންޏެވެ.
ފިޒާގެ ހިނިތުންވުން، ފަނޑުވެ އޭނާގެ ދެ ލޯ ފެންކަޅިވެގެންދިޔަ މަންޒަރު ސާވާނާއަށް ފާހަގައެއް ނުކުރެވުނެވެ. ކަރުނުން ފުރިފައިވާ ލޮލުން ފިޒާ ބަލައިލީ ތާބިޝްއަށެވެ. އޭރު ފިޒާގެ ފޮށި ހިފައިގެން އައިސް، ތާބިޝް އެމީހުންނާއި އަރާހަމަވެއްޖެ އެވެ. ސަވާނާ ބުނި އެއްޗެއް ތާބިޝްއަށް އަޑެއް ނީވުނެވެ. ފިޒާގެ މޫނުގެ ކުލަވަރު ހަރުކަށިކަމާއި ނަފްރަތަށް ބަދަލުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
ދެތިންފިޔަވަޅެއް ފަހަތަށް ނެގި، ފިޒާގެ ނުތަނަވަސްކަން ފާހަގަކުރެވެން ސަވާނާއަށް ވަގުތު ބޭނުންވި އެވެ.
"ކިހިނެއްވީ ފިޒާ..؟" ވާނުވާ ނޭގިފައި ސަވާނާ ސުވާލުކުރި އެވެ.
"މިގެއަށް މިއައީ ތާބިޝްގެ ލޯބީގެ ސަބަބުން ނުވަތަ ތާބިޝްގެ ލޯތްބަށްޓަކައެއްވެސް ނޫން.. އަހަރެން މިއައީ ... ތާބިޝް އަހަންނަށް ދިން އަނިޔާގެ ބަދަލު ހިފުމަށް..!" ފިޒާގެ އަޑު މަޑެއް ނޫނެވެ.
ބުނެލި ޖުމުލަ ސަވާނާއާއި ތާބިޝްގެ ކަންފަތަށް ސާފުކޮށް ދަތުރުކޮށްފި އެވެ. ލިބުނު ޝޮކްގައި ތާބިޝްއަށް ބަލައިލެވުނީ ސަވާނާއަށެވެ. އޭރު ސަވާނާގެ ދެ ލޯ ބޮޑުވެ، ބަލަހައްޓައިގެން ހުރީ ތާބިޝްއާއި ދިމާއަށެވެ.
"ބަދަލު ހިފާށޭ..؟!؟!؟" ފިޒާ ބުނި އެއްޗެއް ސަވާނާއަށް އަޑު ނީވުނީއެއް ނޫނެވެ. އެކަމަކު އެ އިވުނު އަޑު ގަބޫލުނުކުރެވުނީ އެވެ.
"ހޫމްމ.. ދިރިހުއްޓައި އަހަރެންގެ ފުރާނަ ނެރި، ހަވަރަށް ދިން މީހެއް ތާބިޝްއަކީ.. އެހެންވީމާ އެހެންމީހަކު ތާބިޝްގެ ދިރިއުޅުމަށް ބަހާރު މޫސުން ގެނެސް، ހަނީމޫންގެ އަރާމާއި އުފާ ހާސިލްކުރުމަށް، އަހަރެން ކިހިނެއް ފުރުސަތު ދޭނީ..؟" ނަފްރަތުން ފުރިގެންވީ ބުނެލުމަކުން ފިޒާގެ އަޒުމު އިއްވާލީ ތާބިޝްގެ ލޮލަށް ބަލަންހުރެ އެވެ.
އިސްޖަހައިގެން އަމިއްލަ ފައިގެ ބޮޑުވައި އިނގިއްޔަށް ބެލުން ނޫން އެހެން އެއްކަމެއްވެސް ތާބިޝްއަކަށް ނުކުރރެވުނެވެ.
"ފިޒާ... ފިޒާ މިގެއިން ނިކުތް ވަގުތުން ފެށިގެން، މިގެއާއި މިގޭގެ އަހުލުވެރިންގެ ހާލަތް ފިޒާއަށް އަންދާޒާވެސް ނުކުރެވޭނެ..! ކަންކަން ވެގެން ދިޔ..." ސަވާނާގެ އަޑުގައިވީ ރިހުން ފިޒާ ދެނެގަންނާކަށްވެސް ބޭނުމެއް ނުވި އެވެ.
"އޯހްހހހ.. ރިއަލީ..؟؟؟ އަހަރެން ނުދެނަހުރިން ތިކަމެއް..! ތިކަހަލަ ކަމެއްގެ ނިޝާނެއް މިގޭން ފެންނާކަށްވެސް ނެތް..!" ގޭގެ އެތަން މިތަނަށް ނަޒަރުހިންގާލަމުން ފިޒާ ބުނެލީ މަލާމާތުގެ ރާގުގަ އެވެ.
"މިގޭގެ އަހްލުވެރިންގެ ފުދުންތެރިކަމާއި، ތަނަވަސްކަމާއި، ހައިބަތާއި ގަދަރުވެރިކަން ވަރަށް ރަގަޅަށް ފެންނާން އެބަހުރި..! މިއީ މީގެ ކުރިން އަހަރެން ދުށް މަންޒަރެއް ނޫން.. އެކަމަކު މިހާރު، ބިއްލޫރިކޮޅެއްހައި ސާފުކޮށް މި ބުނި ހަގީގަތް ފެންނާން އެބަހުރި..! ތިޔަބުނާ ހާލަތްއަކީ މިއީ ކަމަށްވަންޏާއި އަހަރެންގެ އަމިއްލަ ދިރިއުޅުމާމެދު ވަރަށް ޝަކުވާ އެބަހުރި.. 'އަހަރެންނަށް މިކަހަލަ ހާލަތެއް އަންދާޒާކޮށްލާންވެސް ނުލިބުނީ ކީއްވެބާ'؟ ފިޒާ ކޮށްލީ މަލާމާތެއްކަން މީހަކު ތަރުޖަމާކުރާކަށް ނުޖެހުނެވެ.
ތާބިޝްގެ އިތުރުން ސަވާނާވެސް އިސްޖަހައިލީ ދެން އިތުރަށް ބުނަންވީ އެއްޗެއް ވިސްނާލުމަށެވެ.
"ފިޒާ.. މަންމަ.. އޭރުން ފެ.." ސަވާނާގެ ޖުމުލައިގެ ކުރިމައްޗަށް ކުއްލިޔަކަށް ބުލްޑޯޒަރެއް ހުއްޓުނުފަދަ އެވެ. ތެޅިގެންފައި ތާބިޝް އެރީ ސަވާނާގެ ކުރިމައްޗަށެވެ.
"ސަވާނާ.. ވަރަށް ބަނޑުހައިވެއްޖެ.. ޑިނަރ ތައްޔާރުކުރާކަށްނުވޭތަ..؟" ފިޒާގެ ވަރުގަދަ ރައްދުތައް ހިމޭންކަމާއެކު ތަހަންމަލްކުރަމުންދިޔަ ތާބިޝްއަށް އައި ބަދަލު އަމިއްލައަށް ފާހަގަކުރެވުމުން، އިތުރަށް ހާސްވި އެވެ. އިތުރު އެއްޗެއް ބުނުމުގެކުރިން ސަވާނާ އެތަނުން ފޮނުވާލީ އެއީ މިވަގުތަށް އެންމެ ރަގަޅުގޮތްކަމަށްވާތީ އެވެ.
"ފިޒާ.. އަހަރުމެންގެ ކޮޓަރިއަށް ހިނގާ.."
ފިޒާގެ ފޮށި ތާބިޝްއާއި ގާތްކޮށްލާފައި ތާބިޝް އިޝާރާތްކުރީ ފިޒާވެސް ކުރިއަށް ފިޔަވަޅު އެޅުމަށެވެ. ނަމަވެސް ލިބުނީ ކުރިއަށްވުރެން ބޮޑު ޝޮކެކެވެ. ތާބިޝްއާއި ދިމާއަށް ފިޒާ ބަލައިލީ ރިހުމާއި ނަފްރަތުގެ އަލިފާނުން ރޯވެފައިވާ ހުޅުގަނޑެއްގެ ތެރެއިން އަލި މޫނެއް ފެންނަ ފަދައިންނެވެ. ބައްޓަން ރީތި ދެލޮލުގައިވަނީ ލޭގެ ރަތްކުލަ އެވެ. މޫނުމަތީގައިވަނީ ނަފްރަތުގެ ހުޅުހިފާފަ އެވެ. ފަހަތަށް ފިޔަވަޅެއް އެޅުނީ ތާބިޝްގެ މޭ ތެޅިގަތީމަ އެވެ.
"އަހަރުމެންގެ އެއްވެސް އެއްޗެއް މި ކާއިނާތުގައި ނުހުންނާނެ.. ހަމައެކަނި ހުންނާއި، ކަލޭގެ ނުވަތަ އަހަރެނންގެ އެއްޗިއްސާއި ތަކެތި..! އެކަން ހަނދާންކުރާތި..!" ހަރުކަށިކަމާއެކު ފިޒާ ބުނެލި ބުނެލުން ތާބިޝްގެ ގައިން ހީބިހި ނެގި އެވެ. އެފަދަ މޭރުމަކުން ފިޒާ ދުވަހަކުވެސް ތާބިޝްއާއި ވާހަކަ ނުދައްކަ އެވެ.
"ފިޒާގެ ކޮޓަރި ދައްކާލާނަން.. ކުރިއަށް ހިނގާ..!" މިފަހަރު ޝޮކް ލިބުނީ ފިޒާއަށެވެ.
ފިޒާ ބުނިއެއްޗަކަށް ރައްދު ދިނުމެއް ނެތެވެ. އެކަމަށް ތާބިޝް އަޅައިވެސް ނުލި އެވެ. ގުޑާލަން ނޭގިފައި ފިޒާއަށް ހުރެވުނީ އަނގަ ލައްޕާންވެސް ހަނދާން ނެތިފަ އެވެ.
"ޝޮކްޑް..؟؟؟ ކުރީގެ ތާބިޝް ފަދައިން އަހަރެން އަޅާނުލީތީ ހައިރާންވެއްޖެ ދޯ..! އެކަމާ ނުވިސްނާ.. ސަވާނާ ބުނިފަދައިން، މިގޭގެ ހުރިހައި ކަމެއްވެސް މިހާރު ހުންނާނީ ބަދަލުވެފައި.. ފިޒާ ބުނާ ކޮންމެ އެއްޗަކަށް، ޖަދަލުކޮށް ޒުވާބުކޮށް ދެކޮޅުހެދި ތާބިޝް މިހާރު މިގެއަކު ނޫޅޭ.. (ނުނިމޭ)