ads
އަންހެން ކުއްޖަކު ރޮބަޓަކާއެކު
އެކަނިވެރި އަންހެނުންނަށް ހާއްސަ ރޮބަޓެއް ތައްޔާރު ކުރީތަ؟
އެމެރިކާގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ޓެސްލާއިން ތަރައްގީ ކުރަމުން އަންނަ "އޮޕްޓިމަސް" ހިއުމަނޮއިޑް ރޮބޮޓަކީ އެކަނިވެރި އަންހެނުންގެ ބައިވެރިއެއްގެ ގޮތުގައި ތައްޔާރުކުރާ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއްކަން ހާމަވެއްޖެ އެވެ.
Advertisement

މިފަދަ ވާހަކަތަކެއް އިންޓަނެޓުގައި ފެތުރިގެން ދިޔައީ ޓެސްލާގެ ރަސްމީ މައުލޫމާތުތަކާ މުޅިން ހިލާފަށް، ސަމާލުކަން ހޯދުމަށް ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުންނެވެ.

ޓެސްލާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އޮޕްޓިމަސް ރޮބޮޓް އުފެއްދުމުގެ އަސްލު މަގުސަދަކީ ފެކްޓަރީތަކުގައި އިންސާނުން ކުރަންޖެހޭ ބުރަ މަސައްކަތްތައް ލުއިކޮށްދިނުމެވެ. އަދި އެއްގޮތަކަށް ތަކުރާރުވާ އުނދަގޫ މަސައްކަތްތަކާއި، އޮޓޮމޭޝަންގެ އެހީގައި ފުރިހަމަކުރަންޖެހޭ ދާއިރާތަކަށް ހާއްސަކޮށްގެން އުފައްދާ އެއްޗެއްގެ ގޮތުގައި ފިޔަވައި އެހެން އެއްވެސް ގޮތަކަށް އެ ކުންފުނިން މި އުފެއްދުން ދައްކާފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މި ރޮބޮޓަކީ އަންހެނުންނަށް ހާއްސަ ބައިވެރިއެއްގެ ގޮތުގައި ސިފަކޮށް ވީޑިއޯތަކާއި ޕޯސްޓުތައް ދައުރުކުރަމުން ދިޔަ ނަމަވެސް، ޓެސްލާއިން ދުވަހަކު ވެސް މިފަދަ ބަޔާނެއް ދީފައެއް ނުވެ އެވެ. މި ހުރިހާ ވާހަކަތަކަކީ ވެސް ވައިރަލް ވުމުގެ ބޭނުމުގައި މީހުން އަމިއްލައަށް ކަންކަން ބޮޑުކޮށް، އޮޅުވާލައިގެން އުފައްދާފައިވާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެ އެވެ.

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ބުނީ މިއީ އާ ޓެކްނޮލޮޖީއާއި ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސްގެ ދާއިރާއިން އަންނަ ކުރިއެރުންތަކުގެ ހަގީގަތް އޮޅުވާލައި، ދޮގު ތަސައްވުރުތައް މީހުންގެ މެދުގައި ފެތުރިގެންދާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި އާންމުކޮށް ކުންފުނިތަކުން ހާމަކުރާ ރަސްމީ ހަގީގަތަށް ވުރެ، މިފަދަ ހިޔާލީ އަދި ސަމާލުކަން ދަމައިގަންނަ ވާހަކަތައް އިންޓަނެޓުގައި ފެތުރޭ ދުވެލި މާ ބޮޑަށް ވެސް އަވަސް ކަމަށް ވެސް އެ ފަރާތްތަކުން ބުންޏެވެ.

މި ހުރިހާ ކަމަކުން އެނގިގެންދަނީ އޮޕްޓިމަސްގެ ހަގީގީ ބޭނުމަކީ ސޯޝަލް މީޑިއާގައި ބުނާ ފަދަ ވާހަކަތަކާ މުޅިން ދުރު، ސިނާއީ ބޭނުންތަކަށް ހާއްސަ ޓެކްނޮލޮޖީއެއް ކަމެވެ. އެހެންކަމުން އެކަނިވެރިންނަށް ބައިވެރިއެއް ހޯދައިދިނުމުގެ އެއްވެސް ވިސްނުމެއް ނެތި، ޓެސްލާގެ ހުރިހާ އަމާޒެއް ހުރީ ފެކްޓަރީ މަސައްކަތްތައް ޒަމާނީ ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;