
އުމުރުން 31 އަހަރުގެ އަލީ ޝާމިން ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ އެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ދެވަނައަށް ނިޔާވި ފަރާތެވެ.
އެ ދެމަފިރިން ހާދިސާ ހިނގި ދުވަހު މާލެ ގެނެސް، އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށިއެވެ. އަދި އެ ދެމަފިރިންނަށް ފަރުވާ ދިނުމަށް ޓަކައި އިންޑިއާގެ މުމްބާއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ، އެނދުމާއި، ޕްލާސްޓިކް ސާޖަރީއަށް ޚާއްސަ ޑޮކްޓަރެއް ވެސް ރާއްޖެ ގެނެސްފައިވެއެވެ. ނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަންހެން މީހާ ނިޔާވިއެވެ. އޭގެ ފަހުން ފިރިހެން މީހާއަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އޭނާ މި މަހު އިންޑިއާއަށް ގެންދިޔައެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިން ދިރިއުޅުނު ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން އެއްކޮށް ކަހަލަ ގޮތަކަށް ފިހިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހާދިސާގައި އެ ދެމަފިރިންގެ ފަސް އަހަރުގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.