
ކަސްޓަމްސްއިން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މާޗު މަހު ކަސްޓަމްސްއަށް ލިބިފައިވަނީ 350 މިލިއަން ރުފިޔާއެވެ. މިއީ ފެބްރުއަރީ މަހު ލިބުނު އާމްދަނީއަށްވުރެ 13 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ ރޯދަ މަހާ ދިމާވި މާޗު މަހު ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ ބާވަތްތައް އިތުރުވެފައިވާއިރު، ޖުމްލަ އިމްޕޯޓު ކުރި އަދަދު ހުރީ ފެބްރުއަރީ މަހާ އެއްވަރެއްގައެވެ. މާޗު މަހު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށްފައިވާއިރު، މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު 88 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މިދިޔަ މަހު 867 މިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފައިވާއިރު، މިއީ ފެބްރުއަރީ މަހާ އަޅާބަލާއިރު 105 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުން، މާޗު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ 30 ޕަސަންޓު ގެނެސްފައިވަނީ ޔޫއޭއީންނެވެ. އިންޑިއާއިން 16 ޕަސަންޓު މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 12 ޕަސަންޓުގެ މުދާ ގެނެސްފައިވެއެވެ. އަދި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލުގެ 58 ޕަސަންޓު ފޮނުވާފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓު ކުރާ މުދަލުގެ ލިސްޓުގެ ދެވަނައިގައި އޮތް އިނގިރޭސި ވިލާތަށް ބޭރުކޮށްފައިވަނީ 21 ޕަސަންޓުގެ މުދަލެވެ.