
ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑްކުރީ މިދިޔަ 26 ފެބްރުއަރީގައެވެ. ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ތައްޔާރުވަނިކޮށެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކުރިތާ ދެ މަސް ވާން ގާތްވާއިރު އެ ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ގިނަ މައްސަލަތަކާއި ގައުމީ މައްސަލަތައް ހުއްޓިފައިވާކަމަށެވެ.
އެމްޑީޕީން ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ، ވެރިކަންކުރާ ޕީއެންސީއަށް އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހުގެ މައްސަލަ ސަރުކާރާއި ޕީއެންސީއާ ދެކޮޅަށް ނިމިދާނެ ކަމަށް ބެލެވިގެންކަަމަށެވެ. އަދި މީ ކޯޓަށް ނުފޫޒު ފޯރުވާން ކުރި މަސައްކަތެއްކަމަށްވެސް އިދިކޮޅު އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ޖޭއެސްސީގައި އޮތީ ސަރުކާރު ކޮންޓްރޯލްކަމަށާއި މަހާޒާއި އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދަނީވެސް އިންސާފުން ބޭރުންކަމަށެވެ.
މީގެއިތުރުން ފަނޑިޔާރުންނަށް ދިފާއުވުމުގެ ހައްގެއް ފުރިހަމައަށް ދީފައިނުވާއިރު ފަނޑިޔާރުން ހުށަހަޅާ ހެކިން ބަލައިނުގަނެ ވަކީލަށް ވެސް ފުރުސަތު ނުދޭކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.