
ހަމަލާދިނުން ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯތްގައި ރާއްޖެ އެތެރެނުވެ ވޭނެގޮތަށް ކަނޑައަޅާ މަޖިލީހުން ފާސްކުރީ އިއްޔެއެވެ. މަޖލީހުން ބިލް ފާސްކުރިތާ އިރުކޮޅެއް ނުވަނީ ރައީސް ޑރ. މުއިއްޒު ވަނީ އެ ބިލް ތަސްދީގުކުރައްވާފައެވެ. އަދި ހަމަ އެއާއި އެކު އިމިގްރޭޝަނުން ވަނީ އެ ނިންމުން ތަންފީޒު ކުރަން ފަށާފައެވެ.
އިޒްރާއިލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން އިއްޔެ މަނާކުރިއިރު އެ ގައުމުގެ 32 މީހަކު ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. މި ނިންމުމާއި ގުޅިގެން އެމީހުންނަށް ނުރަކަލެއް ކުރިމަތިވެދާނެތީ އެ މީހުނަށް ރައްކާތެރިކަން ދިނުމުގެ މަސައްކަތް ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ. އަދި އެމީހުން އަވަހަށޤ ފޮނުވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އިޒްރާއިލްގެ 283 ޓޫރިސްޓަކު ރާއްޖެ ވަނީ އައިސްފައެވެ. މިދިޔަ އަހަރު މުޅި ޖުމްލަ އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރީ 130 ޓްއަރިސްޓުންނެވެ.
އިޒްރާއިލް ޕާސްޕޯޓް މަނާކުރާ ބިލާއި މެދު ގޮތެއް ނުންނިމި މަޖިލިޙުގެ 241 ކޮމެޓީގައި އޮންނަތާ އަހަރެއްވާން ގާތްވެފައިވަނިކޮށް ކޮމެޓީން އިއްޔެ ނިންމި ގޮތުގައި ވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯޓް މަނާކުރާށެވެ. އެހެންނަމަވެސް އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭކަމަށް ވަނީ ކަނޑައަޅާފައެވެ. އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ބިލުގައި އޮތް ނަމަވެސް އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ.