
މިއީ ބައެއް ހިސާބުތަކުން ބަލާއިރު ކޮންމެ ފްލެޓަކަށް 2 ޝަކުވާގެ ރޭޓުން ހުށަހެޅިފައިވާ ޝަކުވާތަކަކެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ މިނިސްޓްރީން ބުނީ ޝަކުވާތަކުގެ ތެރެއިން 5،226 ޝަކުވާ ހުށަހަޅާފައިވަނީ ޕޯޓަލް މެދުވެރިކޮށެވެ. އަދި 2،840 ޝަކުވާ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ހުށަހަޅާފައިވެއެވެ. ފްލެޓް ލިސްޓު ފެބްރުއަރީ 27 ގައި އިއުލާން ކުރުމަށްފަހު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 ގެ ނިޔަލަށް އިތުރުކޮށްފައިވެއެވެ.
މިދިޔަ ސަރުކާރުން ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން 3,119 މީހުން މި ސަރުކާރުން ބާކީކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި 2,695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވަނީ ފްލެޓްތައް ދިނުމަށް ކަނޑައަޅާނީ ލިބޭ ޝަކުވާއަށް ބަލައި މިނިސްޓްރީގެ ނިންމުމަށް ޗެލެންޖު ކުރަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދިނުމަށްފަހު ކަމަށެވެ.