
މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ އީމެއިލް އާއި ސިޓީ މެދުވެރިކޮށް ހުށަހެޅި ޝަކުވާގެ ތެރެއިން ބަލާނީ ހަމައެކަނި ލިސްޓުގައިވާ ފަރާތަކާއި ގުޅިގެން ތިންވަނަ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި ޕޯޓަލް މެދުވެރިކޮށް 4625 ޝަކުވާ، އީމެއިލް މެދުވެރިކޮށް 2840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބިފައިވެއެވެ. ފްލެޓް ލިސްޓު ފެބްރުއަރީ 27 ގައި އިއުލާންކުރުމަށްފަހު، ޝަކުވާ ހުށަހެޅުމަށް ފުރަތަމަ މާޗު 1 އިން މާޗު މަހުގެ ނިޔަލަށް ފުރުސަތު ދިނުމަށްފަހު، ފަހުން އޭޕްރީލް 15 ގެ ނިޔަލަށް މުއްދަތު އިތުރުކުރިއެވެ. ނަމަވެސް މިފަހަރު ފުރުސަތު ހުޅުވާލިއިރު، އިތުރު ލިޔެކިޔުންތައް ހިމެނުމުގެ ފުރުސަތު ދީފައިނުވާތީ އާންމުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ލިސްޓުން 3119 މީހުން އުނިކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ފްލެޓް ލިބޭ ވަރަށް ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ކަނޑައެޅި 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނު 424 މީހުންނެވެ. ފްލެޓް ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި ލިސްޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އުނިކޮށް އާ ލިސްޓެއް މި ސަރުކާރުން ހެދުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ދަނީ އަޑުއުފުލަމުންނެވެ.