
ރިޕޯޓުތައް ބުނާގޮތުން މިދިޔަ އަންގާރަ ދުވަހު ގައްޒާގެ އުތުރުގައި ދިން މި ހަމަލާގައި ފާތިމާގެ އާއިލާގެ 9 މެންބަރުން ވެސް ޝަހީދުވިއެވެ. ފާތިމާއަކީ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން ދިޔަ ޖާނަލިސްޓެކެވެ.
ފާތިމާ ހަސޯނާއަކީ ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ފޮޓޯތައް ދުނިޔެއަށް ދައްކުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ޖާނަލިސްޓެކެވެ. އިސްރާއީލުން ގައްޒާގެ އުތުރުން ރައްޔިތުން ނުކުތުމަށް އަންގާފައިވީ ނަމަވެސް، ފާތިމާ ވަނީ އެ ސަރަހައްދުގައި ދިރިއުޅެމުން ހަނގުރާމައިގެ ހާލަތު ކަވަރުކުރަމުން ގެންގޮސްފައެވެ. ގައްޒާގައި ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔަ ނަމަވެސް، ފާތިމާ ވަނީ އޭނާގެ މަސައްކަތް ދޫކޮށްނުލައި ކުރިއަށް ގެންގޮސްފައެވެ.
ފާތިމާ ހަސޯނާ ޝަހީދުވުމާއެކު، ގައްޒާގެ ހަނގުރާމައިގައި ޝަހީދުވާ ނޫސްވެރިންގެ އަދަދު އިތުރުވެގެން ގޮސްފައިވެއެވެ. މިކަމުން ހަނގުރާމައިގެ ސަރަހައްދުތަކުން ހަގީގަތް ދުނިޔެއަށް ގެނެސްދިނުމަށް މަސައްކަތްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ނުރައްކާތައް ފާހަގަކޮށްދެއެވެ. ފާތިމާގެ ޝަހީދުވުމާއި ގުޅިގެން ނޫސްވެރިންގެ ޙައްގުތައް ހިމާޔަތްކުރާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.