
މިއީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން އާންމުކޮށްފައިވާ ލިސްޓެކެވެ.
މީރާއިން ބުނީ މިއަދު ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ދައްކަން ޖެހޭ ޓެކުހުގެ އަދަދު 600،000 ރުފިޔާއަށް ވުރެ މަތީ ފަރާތްތައް ކަމަށެވެ. ނަމަވެސް ވަކިވަކި ފަރާތްތަކުން ދައްކަން ޖެހޭ ސީދާ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެ އެވެ. ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ކޮކޯ ޗިކް ސެލޫނާއި، ފެމިލީރޫމް ކޮފީ ހިންގާ ކޮފީ ލެބް ކުންފުނީގެ އިތުރުން މާލޭގައި ހެދުން ވިއްކާ މަޝްހޫރު ފިހާރަ ޗޮކްލެޓް ހިމެނެ އެވެ. މީގެ އިތުރަށް ހުދުމާ އާއި، މޭރީ ބްރައުން ފެމިލީ ރެސްޓޯރަންޓާއި ސްކައިފޯލް ރެސްޓޯރަންޓުގެ އިތުރުން ލިޓަސް ކުންފުނިން ވެސް ޓެކްސް ދައްކާފައެއް ނުވެ އެވެ.
މީރާއިން އިތުރަށް ބުނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެ ކަމަށެވެ. އަދި އެކަމަށް ފޮނުވަން ޖެހޭ ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތައް ވެސް ދީފައިވާނެ ކަމަށާއި، އުސޫލުގެ ތެރެއިން ދެވެން އޮތް ލުއިތައް ވެސް ދީފައިވާނެ ކަމަށެވެ.
މިހާރު ދައްކަން އޮތް ޖުމްލަ އަދަދު އެއްކޮށް ދެއްކެން ނެތް ނަމަ، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މީރާއިން ބުނެފައިވެ އެވެ. އަދި އެގޮތަށް ފައިސާ ދެއްކުމަށް އެއްބަސްވުން ހަދާ ނަމަ، ތަންފީޒީ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ދެއެވެ.