
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނެނީ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން، ކޯޓު އަމުރެއްގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގުމަށް ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމްޕަލް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ބަޔާން ނެރުމުގެ ސަބަބަކީ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން އުފެދުނު ބަހުސްތަކާއި ގުޅިގެންކަމަށް ބެލެވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މިވަގުތު މީޑިއާގައި ދައުރުވަމުންދާ ޕޮލިސް ޗިޓަކީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.