
އޭޕްރިލް 12 ވަނަ ދުވަހުގެ ރޭ ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރުންތަކެއް ބެލެނިވެރިންނަށް އެންގުމަކާ ނުލައި ސެލޫނަކަށް ގެންގޮސް ބޯ ކޮށިކަމަށް ބުނެ ޝަކުވާތަކެއް ހުށަހެޅިފައިވާ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ދަރިވަރުންނާ ގުޅޭގޮތުން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމުގައި ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސްކޫލްތަކުގެ ޓީޗަރުންނާއި މެނޭޖްމަންޓްގެ މައްޗަށް ގާނޫނުތަކުން ލާޒިމުކޮށްފައިވާ ކަންތައްތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުން އޮމްބަޑްޕާސަންގެ އޮފީހަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުގީގުކުރަމުން ދާކަން ބަޔާނުގައި ބުނެފައިވެއެވެ.
ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށާއި ދަރިވަރުންނާމެދު ހިންގި އަމަލު ބަލައި ނުގަންނަ ކަމަށްވެސް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެއެވެ.