
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށުގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް އަނިޔާލިބުނު ފަރާތުން ހުށަހަޅާ ބަޔާނެކެވެ. މި މައްސަލައިގައި، ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް، 10 އަހަރު ވަންދެން ޖިންސީ ގޯނާއަށް ހުށަހެޅުނު ކުއްޖާއަށް ކޯޓުގައި އޭނާގެ ބަސް އިއްވުމުގެ ފުރުސަތު ދެވިފައިވެއެވެ.
އަނިޔާ ލިބުނު ކުއްޖާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކޯޓަށް ހުށަހެޅި ބަޔާނުގައި، އަސަރާއެކު މައްސަލައިގެ ހާދިސާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކުރި އަސަރު ބަޔާންކޮށްދީފައިވެއެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓާ އަލްއުސްތާޒު އަލްމާސް މުބާރިކެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މި ވަނީ ޖިންސީ ގޯނާކުރި މީހާއަށް ހޯމަ ދުވަހު 54 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމުގެ އިތުރުން ވިކްޓިމުން ބާރުވެރިކުރުވުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި މިނިވަން ދީމިގްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުސޫލެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާޑް ނިޒާމަކަށް މިސްރާބު ޖަހަމުން ގެންދާ ކަމަށެވެ.