ads
ޕޮލިސް މައި އޮފީސް
ތަހުގީގު ކުރަމުންދާކަން ސީސީއޯއަށް މާޗު މަހު ފުލުހުން އެންގި
އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން، ޖިނާއީ ތަހުގީގެއް ހިންގަމުންގެންދާކަން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް (ސީސީއޯ) މިދިޔަ މާޗު މަހުގައި އަންގާފައިވާނެކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ސީސީއޯއިން ރޭ ނެރުނު ބަޔާނެއްގައި އެ މައްސަލައިގައި ތަހުގީގެއް ހިންގައިދިނުމަށް އެދިފައިނުވާނެކަމަށް ބުނުމާއެކު، ފުލުހުން ބުނެފައިވަނީ ސީސީއޯއިން މާޗު 13 ވަނަ ދުވަހު ފޮނުވި ސިޓީއާ ގުޅިގެން، އެ މައްސަލައިގައި ތަހުގީގެއް ކުރިއަށްގެންދާކަން މާޗު 17 ވަނަ ދުވަހު އެ ތަނަށް އަންގާފައިވާކަމަށެވެ. ފުލުހުންގެ އިސް އޮފިޝަލަކު ބުނެފައިވަނީ މިއަދު ފޮނުވި ސިޓީގައިވެސް އެފަދައިން ބަޔާންކޮށްފައިވާކަމަށެވެ.

ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަހުގީގު އަމާޒުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށެވެ. ސީސީއޯއިން މާޗު 13 ގައި ފުލުހުންނަށް ފޮނުވި ސިޓީގައި އެމްޑީޕީގެ އެއްވުމަށް އިޝާރާތްކޮށް، ބުނެފައިވަނީ "މިފަދަ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމުވެގެން ތިއްބަވާއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުން އެދޭ" ކަމަށެވެ. 

މަންދީ ދެއްކި ވާހަކަތަކުގެ ލައިވް ފެންނަ ލިންކެއްވެސް އެ ސިޓީއާއެކު ހިއްސާކޮށްފައިވެއެވެ.

އެހެންނަމަވެސް، ރޭ ސީސީއޯއިން ނެރުނު ބަޔާނުގައި ބުނީ މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދިފައިނުވާނެކަމަށެވެ. 

އެހެން ބުނުމުން ފުލުހުން މިއަދު އެ ތަނަށް ފޮނުވި ސިޓީގައި، މާޗު 13 ގައި ސީސީއޯއިން ފޮނުވި ސިޓީގެ މަގުސަދު ސާފުކޮށްދިނުމަށް އެދިފައިވެއެވެ. ފުލުހުންގެ އޮފިޝަލަކު ބުނެފައިވަނީ މާޗު 13 ގައި ސީސީއޯއިން ފޮނުވި ސިޓީގައި ލިޔެފައިވާ އިބާރާތް ކުރީގެ ސިޓީތަކުގައިވެސް ބޭނުންކޮށްފައިވާއިރު އެ ސިޓީ ތަފާތުވި ސަބަބު އެނގެން ބޭނުންވާކަމަށެވެ. އަދި މި ތަހުގީގަކީ ރައީސްގެ އާއިލާއިން އެދިގެން ހިންގާ ތަހުގީގެއް ނޫންކަމަށް އެ އާއިލާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވެފައިވަނިކޮށް، ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ތަހުގީގު ހިންގަނީ ސީސީއޯއިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް