ads
ހޯމް މިނިސްޓަރު އަލީ އިހުސާން
ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ފުލުހުންގެ ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލައިފި
ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ފުލުހުން އިސްވެ ތިބޭގޮތަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
Advertisement

މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތީ ގައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި ފުލުހުންނަކީ އެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިސް އިދާރާ ކަމަށެވެ.

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުން ގާއިމްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ މުޖުތަމައުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯމް މިނިސްޓްރީއާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ފުލުހުން އިސްވެ ތިބޭގޮތަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ހާއްސަ ގާނޫނުތައް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުން އިސްކޮށް ތިބި ޓާސްކް ފޯސްތަކުން ފާއިތުވި އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި، އަދި އައު ގާނޫނުތަކުން ލިބޭ ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ހިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަން ދޭނެ ކަންތައް ކަމަށްވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް