
ދިވެހި ފުލުހުންގެ ހިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ ޝުޖާއު ވިދާޅުވީ ކުށްކޮގެން ހޯދާ މުދާ ދައުލަތަށް ނަގާނެކަމަށެވެ.
ސީޕީ ޝުޖާއު ވިދާޅުވި ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ގުރޫޕަކުން ފައިސާގެ މުއާމަލާތްތައް ހިންގާ ގޮތް ދަނީ ބަލަމުންނެވެ. އެގޮތުން 11 މީހުން ހިމެނޭ ގުރޫޕެއްގެ ތެރޭގައި 64 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަމަށާއި، މި ފައިސާގެ ބޮޑު ބައެއް ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ފާހަގަކުރެއްވިއެވެ. މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ މީހުންގެ މުދާ ދައުލަތަށް ނެގުމަށް އެދޭނެކަމަށްވެސް ޝުޖާއު ބުނެފައިވެއެވެ.
ފުލުހުންނަކީ ދިވެހި ފުލުހުންގެ އިދާރާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ އިދާރާއަކަށްވީއިރު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭނެކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްތައް ހިންގައިގެން މުއްސަނދިވެފައިވާ މީހުންގެ މައްސަލަތައް ބަލައި އަދަބު ދޭނެކަމަށް ކޮންމެ ސަރުކާރަކުން ބުނި ނަމަވެސް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފުލުހުންނަށް ކުޑަވަމުންދާކަމަށްވެސް ވިދާޅުވިއެވެ. ފުވައްމުލަކުގައި ހިންގި "އޮޕަރޭޝަން ކާމިޔާބު" އަދި މާލޭގައި ހިންގަމުންދާ ތަހުގީގުތައް މިއީ ސަރުކާރުން ކުށްކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފަށާފައިވާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެއްވިއެވެ.