
މިހެން މިނިސްޓަރު ވިދާޅުވެފައިވަނީ ޑރ. އަބްދުލް ގަނީގެ ނަމުގައި އެކްސް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި މިނިސްޓަރަށް ކުރިމަތިކުރި ތުހުމަތުތަކަކާއި ގުޅިގެންނެވެ.
ހެންވޭރުގައި ގެއެއްގެ ފުރާޅުން ވެއްޓިފައި އޮތް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލަޔާލް އަކީ އިގްބާލްގެ ދަރިއެއް ކަމަށް ޑރ. އަބްދުލް ގަނީގެ ކިޔާ މިހަކު ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
ލަޔާލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އަކީ ލަޔާލްގެ ބޮޑުބޭބެ ކަމަށްވެސް އަބްދުލް ގަނީ ބުނެފައިވެއެވެ.
މި ތުހުމަތުތަކަށް ރައްދުދެމުން މިނިސްޓަރު އިގްބާލް ވިދާޅުވީ ފޮޓޯގައިވާ ލަޔާލަކީ އެމަނިކުފާނުގެ ދަރިއެއް ނޫންކަމަށާއި އާއިލާއާއި ގުޅުންހުރި ކުއްޖެއްވެސް ނޫންކަމަށެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހެންވޭރުގައި ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮތް އަންހެނެއްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު، މައްސަލައިގެ ތުހުމަތުގައި ޝާމިލްވާ 8 މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާއްމުކޮށްފައެވެ.
މިނިސްޓަރު އިގްބާލް ވަނީ ފަސާދަ އުފެދޭފަދަ ބުހުތާނު ދޮގު ނުފެތުރުމަށް އަބްދުލް ގަނީއަށް ނަސޭހަތްތެރިވެފައެވެ. އެ މައްސަލަ ތަހުގީގް ކުރަމުންދާއިރު މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ.