
މިއަދު މޯލްޑިވިއަން އިން މެލޭޝިއާއަށް ހާއްސަ ދަތުރެއް ފަށައިފައިވާއިރު، މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުގައި ބޭނުންކޮށްފައިވަނީ އޭ330 މަތިންދާބޯޓެކެވެ.
އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، އެ ކުންފުނިން މެލޭޝިއާއަށް ޝެޑިއުލް ދަތުރުތައް އަދި ނުފެށި ނަމަވެސް، އީދާއި ޗުއްޓީ ފަދަ ދުވަސްތަކުގައި މެލޭޝިއާއަށް ހާއްސަ ފްލައިޓްތައް ބޭއްވުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. މޯލްޑިވިއަން އިން މީގެ ކުރިންވެސް މެލޭޝިއާއަށް ހާއްސަ ދަތުރުތައް ބާއްވާފައިވެއެވެ.
މިއަދު ކުއަލަ ލަމްޕޫރް އާއި މާލެ އާ ދެމެދު ދަތުރުތައް ކުރިއަށްދާއިރު، މި މަހުގެ 29 ވަނަ ދުވަހުވެސް މާލެއިން ކުއަލަ ލަމްޕޫރަށް ދަތުރެއް ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ. އަދި ޖެހިގެން އަންނަ ދުވަހު ކުއަލަ ލަމްޕޫރުން މާލެއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. މެލޭޝިއާއަކީ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ އަދި ޗުއްޓީއަށްވެސް އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމެކެވެ.