
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން މިމަހުގެ 13ގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށް ހިއްކަމުން އަންނަ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިންކަމަށް މިނިސްޓްރީން ބުނެއެވެ. މިހާރު ހިއްކާފައިވާ ބިމުގެ ބޮޑުމިނަކީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށް މިނިސްޓްރީން ބުނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެއްކަމަށާއި މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރެުން ބުނެއެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތަކަށްވެސް ރަސްމާލެއިން ބިން ދޫކުރާނެކަމަށް ސަރުކާރުން ބުނެއެވެ.