ads
ޝެއިހު އަލީ ޒައިދު..
ފުލުހުންނާ މެދު ގިނަ ބަޔަކު މާޔޫސް ވެއްޖެ: ޝައިހް ޒައިދު
ލުހުންނާ މެދު ގިނަބަޔަކު މާޔޫސްވެއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މިގޮތަށް ޒައިދު ވިދާޅުވެފައިވަނީ ހ. މިޓާޒް ގޭގެ ފުރާޅު މަތިން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވަނިކޮށެވެ. 

ޝައިހް ޒައިދު އެކްސް ގައި ޝެއާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ކަންކަން ގަސްދުގައި އޮޅުވާލުމުގެ ކަންތައްގަނޑެއް ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި "(ޔުމްނު ވެއްޓުނު ހާދިސާ) މިހާހިސާބަށް ގޮސްފައިވަނީ ފުލުހުން ބޭކާރު ދޮގުތަކެއް ހަދައި މައްސަލާގައި ޔޫޓާނެއް ނެގުމުން،" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަމިއްލައަށް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލި ސަބަބާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "ތެދުބަހުން ވާހަކަ ދެއްކުން ވަރަށް މުހިންމު" ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއްވެސް އުފައްދަވާފައެވެ. 

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި މިވަނީ ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން އެކަމަށް ޑިމާންޑު ކޮށްފައި ވަނިކޮށެވެ.

މިމަހުގެ 18 ވަނަ ދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ޔުމްނު ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރޭ މެލޭޝިއާއަށް ގެންގޮސްފައެވެ.

ޔުމްނުގެ ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާތީ، ރޭ ޓިކްޓޮކްގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަކީ ޝެހެނާޒް މޫސާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ޓިކްޓޮކް ހަރަކާތުގެ ތެރެއިން މިހާތަނަށް 565,501.21 ރުފިޔާ އަދި 11,015.95 ޑޮލަރު ހޯދިފައިވާއިރު، މުޅި ޖުމުލަ 735,367.16 ރުފިޔާ ހޯދިފައިވެއެވެ. މި ހަރަކާތާ ގުޅޭގޮތުން ޝެހެނާޒް މޫސާ ބުނީ މިއީ އޭނާ އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ނަމަވެސް، ރައްޔިތުންގެ މަސައްކަތް ކަމަށެވެ. އަދި އެންސް ޕާއިން ވެސް ވަނީ 25،000 ޑޮލަރު ޔުމްނުއަށް ދީފައެވެ. 

މި މައްސަލައިގައި ފުލުހުން ވަނީ ޔުމްނު ހިމެނޭހެން 9 މީހެއްގެ ފޯނި ހިފަހައްޓާރި މއ.މާންދޫގެ ދެކުނުގެ ޓެރަސް އާއި އެ ގޭގެ 2 އަދި 4 ވަނަ ފަންގިފިލާ އަދި ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާ ވެސް ބަލައިފާސްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ

ޔުމްނު ވެއްޓިފައިވަނީ ހ. ފެންޓޯނިއާގޭގެ ފެންލައިޓަކުންކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް