
މިހެން ވިދާޅުވީ ރާއްޖެއިން އިންތިޒާމުކޮށްގެން މެލޭޝިއާގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމަކީ ރާއްޖެއިން މިހާތަނަށް ބޭއްވި ބިޒްނަސް ފޯރަމްތަކުގެ ތެރެއިން ދުނިޔޭގެ ވަރުގަދަ ލީޑަރަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓުކުރުމުގެ ސިޔާސަތުތަކަށް މިހާރުގެ ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނައުމުން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ބޮޑުވެފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. ގްރޭންޑް ހަޔާތުގައި ބޭއްވި މި ފޯރަމްގައި މެލޭޝިއާގެ ވަރަށް ގިނަ ވިޔަފާރިވެރިން ވެސް ބައިވެރިވިއެވެ.
ޕްރައިމް މިނިސްޓަރު އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިއާގެ އިންވެސްޓަރުންނާއި އެހެނިހެން ގައުމުތަކުގެ އިންވެސްޓަރުން، އިންވެސްޓް ކުރުމުގެ ކުރިން ޔަގީންކުރަން ބޭނުންވާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ތަރައްގީގެ ވިސްނުންތަކާއި ދެމެހެއްޓެނިވި އިގްތިސާދަކާއި ތިމާވެއްޓާ ރައްޓެހި ކަންކަން ކުރުމުގެ ވިސްނުން ގެންގުޅޭ ގައުމުތަކުގައި އިންވެސްޓްކުރަން ބޭނުންވާ އިންވެސްޓަރުން އެބަތިބި ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރީތިކަމަށް ވެސް ވަރަށް ބޮޑަށް ތައުރީފުކުރެއްވިއެވެ. ޕްރައިމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެމަނިކުފާނު ފޯރަމްގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުއިއްޒުގެ ވިސްނުންފުޅު އެނގިވަޑައިގަތުމަށާއި، ރާއްޖޭގައި ހުރި ފުރުސަތުތައް މެލޭޝިއާގެ އިންވެސްޓަރުންނަށް ހޯދައި ދިނުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށެވެ.