
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 6 އަދި 7 ވަނަ ދުވަހުއެވެ. މި ފޯރަމް އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ ޓޫރިޒަމް ދާއިރާގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސިނާއަތަކަށް ހެދުމުގެ މަގްސަދުގައެވެ.
އޭސީސީން ބުނީ، މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތުތަކުން ބައިވެރިވެ، ޓޫރިޒަމް ސިނާއަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެ ކަމަށެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ޓޫރިޒަމާބެހޭ އިދާރާތަކާއި، ބައިނަލްއަގުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވާނެއެވެ.
ފޯރަމުގައި އޯއައިސީގެ މެންބަރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރާވާފައިވާއިރު، މި ޕްލިނަރީގައި އޯއައިސީގެ މެންބަރު ގައުމުތަކުގެ ޓޫރިޒަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެއެވެ. މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޓޫރިޒަމް ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރާނެއެވެ.