
އިމްރާން މިހެން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖޭގެ ރައްޔިތުން ނިކަމެތިވެ، ގައުމު ހާލުގައި ޖެހެންދާ ވަގުތުގައި، ސަލާމަތްތެރިކަން ހޯދޭނީ ރައްޔިތުން ގުޅިގެން ނިކުމެ އެ ހާލަތު ބަދަލު ކުރަން މަސައްކަތް ކޮށްގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިމްރާން ވިދާޅުވީ، ގިނަ ބައެއްގެ ބައިވެރިވުމާއެކު ހެޔޮ ވެރިކަމެއް އުފައްދަން 2018 ވަނަ އަހަރު ފުރުސަތު ލިބުނީ، 2015 ވަނަ އަހަރުގެ މޭ ޑޭ އިން ފެށިގެން ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށެވެ. އިމްރާން ވިދާޅުވީ އެ ދުވަހާއި، އޭގެ ފަހުން ހިންގި ހަރަކާތްތަކުގެ ބައިވެރިންނަށް އަދިވެސް މަރުހަބާ ދަންނަވައި، ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރު މޭ ޑޭގެ ނަމުގައި ބޭއްވި ބޮޑު އެއްވުން އިންތިޒާމު ކުރުމުގައި އިސްކޮށް އިމްރާން އުޅުނެވެ. އޭރު އިމްރާން ވަނީ ހައްޔަރުކޮށް، ޖަލަށްވެސް ލައިފައެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވަނީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.