
މި ރިޕޯޓު ގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ޗައިނާގެ ކަނޑުގެ އުޅަނދުތަކާއި ސަބްމެރިންތަކަށް ރާއްޖޭގެ ބަނދަރުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުންދާކަމަށް ބެލެވެއެވެ. މިފަދަ ހުއްދައެއް ދީފިނަމަ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ރާއްޖެއަކީ ދުނިޔޭގެ މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުގެ މެދުގައި އޮންނަ ގައުމަކަށްވުމާއެކު، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ބާރުވެރިކަމަށް ވާދަކުރާ ގައުމުތަކުގެ ސަމާލުކަން ލިބިފައިވާ ގައުމެކެވެ. ޗައިނާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރަމުންދާއިރު، 2024 ވަނަ އަހަރު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށް، ޕެޓްރޯލް ބޯޓުފަހަރު ފަދަ އަސްކަރީ ތަކެތި ފޯރުކޮށްދީފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެކްސް ޕްލެޓްފޯމުގައި ޝާއިއުކޮށްފައިވާ ޕޯސްޓުތަކުގައި ޗައިނާއިން ރާއްޖޭގެ ބަނދަރުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އިންޑިޔާ، ލަންކާގެ މަނަވަރުތައް ތަމްރީނުތަކަށް ރާއްޖެއަށް
އިންޑިއާއަކީ ރާއްޖޭގެ މައި ސަލާމަތީ ބައިވެރިއެއްގެ ގޮތުގައި ކުރިން އޮތްނަމަވެސް، ފަހަކަށްއައިސް "އިންޑިއާ އައުޓް" ކެމްޕޭނާއެކު ރާއްޖެއިން ޗައިނާއާ ގުޅުން ބަދަހިކުރަމުންދާކަން އެ ރިޕޯޓުގައި ބުނެއެވެ. 2024 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ރިސާޗް އުޅަނދެއްކަމަށްވާ ޝިއަންގް ޔަންގް ހޮންގް 03 ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމުން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ރާއްޖެއިން ޗައިނާގެ ކަނޑުގެ އުޅަނދުތަކަށް ބަނދަރުކުރުމުގެ ހުއްދަ ރަސްމީކޮށް ދީފިނަމަ، އިންޑިއާއިން އިތުރު ފިޔަވަޅުތަކެއް އަޅަންޖެހި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.