
މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފެށީ މިދިޔަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމްޓީސީސީ އިން ބުނީ މަޝްރޫއުގެ މަސައްކަތް ތާވަލުކޮށްފައިވާ ތާރީހަށްވުރެ ކުރިން ނިންމައި ހަވާލުކުރުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.
ގުޅީގައި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްފަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގުޅީގެ ބިން ވީ އެންމެ އަވަހަށް ނިންމުމަކީ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑު ބައެއް ފުރިހަމަ ކުރެވިފައިވާއިރު ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ 10 ހެކްޓަރުގެ 80 ޕަސަންޓް ނިމިފައިވާއިރު ބާކީ އޮތް ބައިވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒު ކަމަށް ސައުދީ ވިދާޅުވި އެވެ.
ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުން 10.15 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުވެގެންދާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މި މަޝްރޫއުއަކީ 89.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.