
ތެލަސީމިއާ ކުދިންނަށް ފަސޭހައިން އޮރެންޖު ހިޔާއަށް ދެވޭނެ ގޮތް ހެދުމަށް ހާއްސަ ބަސް ރޫޓެއް އެމްޓީސީސީން ތައާރަފުކޮށްފިއެވެ.
ހުޅުމާލެ 1 ގެ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ހުންނަ އޮރެންޖު ހިޔާގައި ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ބުރާސްފަތި ދުވަހުން ފެށިގެން ދޭން ނިންމާފައިވާތީ، މިއަދު މެންދުރު 1:30 އިން ފެށިގެން އެމްޓީސީސީން ވަނީ މި ހާއްސަ ބަސް ހިދުމަތް ފަށައިފައެވެ.
އެމްޓީސީސީން ބުނީ މިހާރު ހުޅުމާލޭގެ އެތެރޭގެ ހުރިހާ ދަތުރެއްގައި ވެސް އޮރެންޖު ހިޔާއަށް މަޑުކުރާނެ ކަމަށާއި މާލެއިން އޮރެންޖު ހިޔާއަށް ދާނީ އާރް15 ރޫޓުން ކަމަށެވެ.
އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަން ނިންމީ، މިހާރު ދަމަނަވެށީގައި ހިންގަމުންދާ އެތަނާ މެދު ތެލެސީމިއާ ކުދިންނާއި އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާ ކުރުމާ ގުޅިގެންނެވެ.
ސިފައިންނާ ހަވާލުކޮށްގެން އޮރެންޖު ހިޔާގައި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ފެށީ މާޗް 28 ވަނަ ދުވަހުއެވެ. އަދި އެތަނުގެ ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެމްޓީސީސީއިން މާލެ އާއި ހުޅުމާލޭގައި 15 ރޫޓަކުން ބަސް ދަތުރުތައް މިހާރު ވެސް ކުރެއެވެ.