
ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލް ގާޒީ ސްކޫލަށް އިތުރު ކުރާ ކްލާސްރޫމްތަކުގެ ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
މި ކްލާސްރޫމްތައް ހަދައިދޭން އެދޭ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު މިމަހުގެ 26 ގެ ނިޔަލަށް އޮންނާނެކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތަކުން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓަރީ ވެވޭނެ ކަމަށް ފިނޭންސް އިން ބުނެއެވެ. ރަޖިސްޓްރޭޝަނަށް 500 ރުފިޔާ އަދި ބިޑް ސިކިއުރިޓީގެ ގޮތުގައި 121،000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭގެ އާބާދީ ބޮޑުވުނުން އިތުރު ދެ ސްކޫލް އަޅާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އަދި ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ސްކޫލުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.