
ދަ ޕްރިންޓުން ރިޕޯޓުކުރި ގޮތުގައި މި ހަމަލާތައް ދީފައިވަނީ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭއެވެ. މިއީ އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި މޭ 7 ގައި ޕާކިސްތާނަށް ދިން ހަމަލާތަކަށް ފަހު ހިނގި ކަމެކެވެ.
އިންޑިއާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކުން ޕާކިސްތާނުން ފޮނުވި މިސައިލުތައް ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާލާފައެވެ. އެހެންކަމުން، އެއްވެސް ސިފައިންގެ މަރުކަޒަކަށް ނުވަތަ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ދިފާއީ އޮޕަރޭޝަނަކީ އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި އިތުރަށް ގޯސްވަމުންދާ ހަނގުރާމަވެރި ހާލަތުގެ ތެރޭގައި އިންޑިއާ ވަރަށް ބޮޑަށް ސަމާލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި ބޯޑަރުގައި އަންނަނީ ހަމަލާތައް ވަދަލުކުރަމުންނެވެ.
ބައިނަލްއަގުވާމީ ލީޑަރުން ދެ ގައުމަށް ގޮވާލާފައިވަނީ ހަނގުރާމަ ހުއްޓާލުމަށެވެ. އެހެންނަމަވެސް، ޕާކިސްތާނުން ވަނީ ބަދަލު ހިފާނެކަމަށް ބުނެފައެވެ. އަދި އިންޑިއާގެ ފުރަތަމަ ހަމަލާތަކުގައި 31 މީހުން މަރުވެފައިވާކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. ހާލަތު ނާޒުކުވަމުން ދާއިރު، އިންޑިއާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ އިސްވެރިން ބުނެފައިވަނީ ގައުމަށް ކުރިމަތިވާ ކޮންމެ ބިރުވެރިކަމަކަށް ހަރުދަނާކަމާއެކު ޖަވާބުދާރީވާނެކަމަށެވެ.