
ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ދެ ގައުމުގެ މެދުގައި ހަމަނުޖެހުން ފެށުނީ އިންޑިއަން ކަޝްމީރަށް ދިން ޓެރަރިސްޓު ހަމަލާއަކަށްފަހު އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުންނެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ވަނީ ވަރުގަދަ މިސައިލް ހަމަލާތަކެއް ދީ ދެ ގައުމުންވެސް ބަޔަކު ވަނީ މަރުވެފައެވެ.
މިކަމާއި ގުޅިގެން ޕާކިސްތާނުގައި ތިބި ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެއްދި ދިވެހި ސަރުކާރުގެ އެހީއަށް ވަނީ އެދިފައެވެ. އެކަމާއި ގުޅިގެން މިރޭ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު މި މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަކަމަށާއި އެގޮތުން، ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދޭކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިމިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ.
- ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143 +
- މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400