
ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މުއްޔަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރި މިމަހުގެ 17 ގައި އޮންނާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.
35 މިނެޓްގެ މި ދަތުރަށް ސީޓް ބުކްކުރަން މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެކުންފުނިން ބުނީ މުއްޔަށް އެއްކޮޅަށް ފެއާގެ އަގުތައް ފެށޭ އަގަކީ 1377 ރުފިޔާކަމަށެވެ.
މީމުގެ ފުރަތަމަ އެއާޕޯޓް އާންމު ދަތުރުތަކަށް ރީޖަނަލް އެއާޕޯޓުންވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެތެރޭގެ އުދުހުންތައް އޮޕަރޭޓުކުރާ މޯލްޑިވިއަންގެ އިތުރުން ވިލާ އަދި މަންތާއަށް މުލީ އެއާޕޯޓްއަށް ދަތުރުތައް ފެށުމަށް އާރުއޭސީއެލް އިން ވަނީ ފުރުސަތު ހުޅުވާލަފައެވެ.
މ. މުލީގައި އެއާޕޯޓް ތަރައްގީކުރަން ނިންމާ އެ މަސައްކަތް ފެށީ މިދިޔަ ވެރިކަމުގައި 2021 ވަނައަހަރުއެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 221.7 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.