
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މި ހަވީރަކީ ހާއްސަ ހަރަކާތެކެވެ.
ރައީސްގެ ދެކަނބަލުން ހަވީރަށް ވަޑައިގެންނެވުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ސްކޫލުތަކުގެ އިސްވެރިން މަރުހަބާ ދެންނެވިއެވެ. ހަވީރުގައި ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައި، ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައް ބައްލަވައިލައްވައިފައެވެ. އަދި ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި އެކުދިންގެ އާއިލާތަކާވެސް ބައްދަލުކުރައްވައިފައިވެއެވެ. މީގެ އިތުރުން ދަރިވަރުންގެ ފަރާތުން ރައީސަށް ހާއްސަ ހަދިޔާއެއްވެސް އަރުވާފައިވެއެވެ.
ހަވީރު އިންތިޒާމުކޮށްފައިވަނީ ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތައުލީމީ ހަރަކާތްތަކާއި، މަޖާ ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކުގައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.