
ބައްސާމްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް، ޖަވާޒް މިއަދު ހާޒިރުކުރީ ހެކިވެރިއެއްގެ ގޮތުގައެވެ. މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެ، ހަތިމުގައި އަތްލައި ހުވާ ކުރުމަށް ފަހު ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖަވާޒް ވިދާޅުވީ، އެފްއޭއެމްގެ ލިޔުމެއް ބަދަލު ކުރަން ބައްސާމް އެދުނު ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ޝަރީއަތުގައި ޖަވާޒް ވިދާޅުވީ، ޗެކުގައި އަދި ޕޭމަންޓް ވައުޗަރުތަކުގައި ސޮއި ކުރިނަމަވެސް އެފްއޭއެމްގެ ފައިސާގެ އެއްވެސް މަސެއްކަތެއް ނުކުރާ ކަމަށެވެ. ޖަވާޒު ވިދާޅުވި ގޮތުގައި ފައިސާއާ ގުޅޭ ކަންކަން ކުރާނީ އެކައުންޓްސް ޑިޕާޓްމެންޓުން ދެން ކުރީގެ ރައީސް ބައްސާމްއެވެ. އެކައުންޓްސްގެ އިސްކޮށް ހުންނަވާނީ އަގީލް ކަމަށް ޖަވާޒް ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި އަގީލް ހާޒިރުކުރަން އޮތް ނަމަވެސް ތަހުގީގަށް އަގީލް ދީފައި އޮތް ނަންބަރުން އަގީލްއާ ނުގުޅޭތީ ޝަރީއަތަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދު ނުކުރެވޭ ކަމަށް މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ހެކިބަހަށް އަގީލް ހާޒިރެއް ނުކުރެއެވެ. އެކަމަކު އަގީލް އަދި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު، އަންނަ ބުދަ ދުވަހު އޮންނަ ޝަރީއަތަށް ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގައި ބައްސާމްގެ ވަކީލުންގެ ފަރާތުންވަނީ ބައްސާމްއަށް 3000 ޑޮލަރުގެ އެލަވަންސެއް ދޭން އެކްސްކޯއިން ނިންމިކަން ޖަވާޒުއަށް އެނގޭތޯ ސުވާލު ކޮށްފައެވެ. އެކަމާ ގުޅިގެން ޖަވާޒް ވިދާޅުވި> އެލަވަންސެއް ދޭން މަޝްވަރާ ކުރި ކަމަށެވެ. އެކަމަކު އެއް އިރަކުވެސް އެފްއޭއެމްގެ މުސާރަ ޝީޓުގައި އެ އެލަވަންސް ހިމަނާފައެއް ނުވާނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ. އެފްއޭއެމުން ބައްސާމް ހިޔާނާތްވީ ކަމަށް ދައުލަތުން ތުހުމަތުކުރާ ފައިސާއަކީ ބައްސާމްގެ މުސާރަ ކަމަށް ކުރިން އޭނާގެ ވަކީލުންވަނީ ވަކާލާތުކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މި ފަހުންވަނީ ބުނެފައެވެ.
ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެއެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.