ads
ފިޒިއޯ ކްލިނިކް-މޯލްޑިވްސް: ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މުވައްޒަފުން ވަކިކޮށް، ކްލިނިކް ވަގުތީ ގޮތުންވަނީ ބަންދުކޮށްފައި --
ކުއްޖަކަށް އަނިޔާކުރުމުން ދެ މުވައްޒަފުން ވަކިކޮށް، ކްލިނިކް ވަގުތީ ގޮތުން ބަންދުކޮށްފި
ހުޅުމާލޭގައި ހުންނަ "ފިޒިއޯ ކްލިނިކް" އަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް އަނިޔާކުރި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ ކްލިނިކް ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.
Advertisement

އެ ދެ މުވައްޒަފުންގެ މައްސަލައާ ގުޅިގެން ފިޒިއޯ ކްލިނިކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކްލިނިކުގައި މުވައްޒަފަކާއި އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކާ ދެމެދުގައި ހިނގި މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ގެންގުޅޭ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ކްލިނިކުން ބުނީ މިކަން ސަމާލުކަމަށް އައުމާ އެކު، ވަގުތުން ފިޔަވަޅު އެޅި ކަމަށާއި އެ މައްސަލާގައި ޝާމިލުވި ދެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ކަމާ ގުޅޭ ހުރިހާ ވީޑިއޯ ފުޓޭޖެއް ވެސް ފުލުހުންގެ ތަހުގީގާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ބަޔާނުުގައި ވަނީ، އެ ކްލިނިކްގެ މުވައްޒަފުގެ ފަރާތުން ފެނިފައިވާ އަމަލުތަކަކީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ދަމަހައްޓާ މިންގަނޑުތަކާ މުޅިން ހިލާފު އަމަލުތައް ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ މައްސަލަ ކްލިނިކްގެ ސަމާލުކަމަށް އައުމާއެކު ފިޔަވަޅު ވަނީ އަޅައިފަ އެވެ. އެގޮތުން ކުއްޖާ ހިފަހައްޓާތަން ފެންނަ މުވައްޒަފާއި، އެ ވަގުތު އެ ތަނުގައި ހުރި ދެވަނަ މުވައްޒަފު މަގާމުން ވަކިކޮށްފައިވާ ކަމަށް ކްލިނިކުން ބުންޏެވެ.

"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގަން. އަދި ކުރިއަށް އޮތް ތަނުގައި އެންމެ މަތީ ފެންވަރުގެ ހިދުމަތް ދީ، ރައްކާތެރިކަމާއި ޒިންމާދާރުކަން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން. ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އަށް އެއްބާރުލުން ދީ، މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" ފިޒިއޯ ކްލިނިކުގެ ބަޔާނުގައި ބުންޏެވެ.

ފިޒިއޯ ކްލިނިކުން އެންމެ އިސްކަންދޭ ކަމަކީ ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިޙުތިރާމު ލިބިދެވޭ މާހައުލެއް ގާއިމުކުރުން ކަމަށްވާތީ، ތެރަޕީ ރޫމްތަކުގެ ވީޑިއޯ ލައިވްކޮށް ބެލުމުގެ ފުރުސަތު ބެލެނިވެރިންނަށް ދޭކަން އެ ކްލިނިކުން ފާހަގަކުރި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާތީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއީ 5 މެއިގައި ހިނގި ހާދިސާއެއް ކަމަށް ވަނީ ބުނެފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ބުނާ ކުލިނިކުގައި މުވައްޒަފަކު ކުއްޖެއްގެ ފަހަތުން ކަތުރެއް ހިފައިގެން ދުވާ މަންޒަރެވެ. އެ ކުއްޖާ ސަލާމަތްވާން މަސައްކަތް ކުރާ ތަނާއި އިތުރު ކުއްޖަކު ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރު ވެސް އެ ވީޑިއޯ ފެނެ އެވެ.

އެ ކުއްޖާގެ އަތަށް ކަތުރު ހަރާފައި ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް