
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް އެމްބީއެސް އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އުމުރުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އެކި ގޮތްގޮތުން ތައުލީމު ހާސިލްކުރަމުން އަންނަނީ 91 ޕަސެންޓް ކުދިންނެވެ. ތައުލީމު ހާސިލްކުރާ ކުދިންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.
ބާކީ ނުވަ ޕަސެންޓު ކުދިންނަށް، އެކި ހުރަސްތަކުގެ ސަބަބުން ސްކޫލަށް ނުދެވެ އެވެ. އެއީ 9،450 ކުދިންނެވެ. އޭގެ ތެރޭގައި ގިނައީ ޕްރީ-ސްކޫލް ކުދިންނާއި ގްރޭޑް 10 ނިންމާފައި ތިބި ކުދިންނެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސްޓެޓްސް ބިއުރޯގެ މި ތަފާސް ހިސާބު އެކުލަވާލާފައިވާ ގޮތް ގޯސް ކަމަށެވެ. އެއީ އެ މައުލޫމާތު އެކުލަވައިލިއިރު، އޭގެ ތެރޭގައި ދެ އަހަރާއި ތިން އަހަރާ ދެމެދުގެ ރަސްމީ ތައުލީމު އުނގެނުން މަޖުބޫރު ނޫން އުމުރުގެ ކުދިންގެ އަދަދު ވެސް ހިމަނާފައިވާތީ ކަމަށް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން، އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ކަމަކީ ގްރޭޑް 10 ނިންމުމަށް ފަހު މަތީސާނަވީގައި ކިޔަވާ ކުދިންގެ އަދަދު މަތިކުރުމުގެ ތައްޔާރީތައް ވުން ކަމަށެވެ. އޭގެ ނަތީޖާއަކީ އޭނާ ވިދާޅުވިގޮތުގައި، މިދިޔަ އަހަރު ގްރޭޑް 10 ނިންމާ ކުދިން މަތީސާނަވީ މަރުހަލާގައި އިތުރު ކުރުމަށް 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް ފެށުމެވެ.
މިނިސްޓަރި އިތުރަށް ވިދާޅުވި ރަސްމީ ތައުލީމު ހާސިލް ކުރުމަށް ސްކޫލަށް ދާން ނުޖެހޭ އުމުރުފުރާގެ ކުދިން ހިމަނައިގެން، ހަގީގަތް ސާފުނުވެ، އެކުލަވާލާފައިވާ ތަފާސްހިސާބުތައް ރިޕޯޓު ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.