
ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ސިޓީގެ ކައުންސިލުން ހުޅުވާލީ މިދިޔަ ޖެނުއަރީ 28ގައެވެ. އެހެންނަމަވެސް ކައުންސިލުން އެކަން ކޮށްފައިވަނީ ހުއްދަ ނުނަގައި ކަމަށް ބުނެ، އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް ވަނީ މދިޔަ ފެބްރުއަރީމަހު އެއްވަނަ ދުވަހު އަންގާފައެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އިއުލާނު ބާތިލުކުރުމަށް ހައުސިން މިނިސްޓްރީން ތުނަދޫ ކައުންސިލަށް އެންގި ނަމަވެސް އެ އިއުލާނު ބާތިލުކޮށްފައިނުވާކަމަށެވެ. އަދި އެލްޖީއޭ މެދުވެރިކޮށްވެސް ތިނަދޫ ކައުންސިލަ އެންގުން ބާތިލުކުރަން އެންގިކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ތިނަދޫ ހައުސިން އަކީ ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށާއި އެ އިއުލާނު ބާތިލުކުރަން އެންގީ ސަރުކާރުން ކަނޑައަޅާ އިޖުތިމާއީ މިންގަނޑެއްގެ ތެރެއިން ލިބޭ ފަރާތްތައް ކަނޑައެޅުމަކީ މުހިންމު ކަމަކަށް ވާތީ ކަމަށެވެ. އެހެންނަމަވެސް، އެކަން ކައުންސިލުން ނުކުރާތީ މިނިސްޓްރީން އެ އިއުލާނު ބަލައި ނުގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
200 ހައުސިން ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރުމަށްވެސް ތިނަދޫ ކައުންސިލަށް ހައުސިން މިނިސްޓްރީން ވަނީ ކުރިން އަންގާފައެވެ.