
ފުލުހުން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާދަމް އިބްރާހިމް މިއަދު 16:45 އެހާކަންހާއިރު ފެނުނު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާދަމް އިބްރާހިމް ގެއްލުނީ އިއްޔެ މެންދުރުފަހު 14:00 ހާއިރު "އިތުބާރު" ނަމަކަށް ކިޔާ ދޯނިން ނަޑެއްލާއަށް ފޭބުމަށްފަހުއެވެ. އެނބުރި ދޯންޏަށް އަރައިފައިނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވާތީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށް ފުލުހުން ބުނިއެވެ. އަދި މިއަދު ވެސް އޭނާ ހޯދުމަށް ޓަކައި މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އާދަމް އިބްރާހިމް ފަޅުރަށަށް ދިޔަ ގޮތާއި، އޭނާގެ ހަބަރެއް ނުވި ސަބަބާ ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.