
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފަ އެވެ.
އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ނިންމުމުގައި %75އަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅުންނަށެވެ. އެއީ:
ޒީނާ: %85
އާމިނަތު ޝިޔާނާ: %80
ޝިމްލާ އަހްމަދު: %83
ރިލްވާން: %81
ޒަމްއަތު އަހްމަދު ވަހީދު: %78
މިއަދުގެ މަޖިލިސް ޖަލްސާގައި، ކޮމިޓީން އެންމެ މަތިން މާކްސް ލިބުނު ތަރުތީބުން ވޯޓަށް އެހުމުން ޒީނާ، ޝިޔާނާ އަދި ޝިމްލާއަށް ރުހުން ލިބިފައެއް ނުވެ އެވެ. އެއީ 50އަށް ވުރެ ގިނަ މެންބަރުން ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ނުލިބުމުން، ހަތަރު ވަނައަށް ލިސްޓުގައި އޮތް ރިލްވާންއަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްވީ 70 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ބްރޯޑްކޮމް މެންބަރުކަމަށް އައްޔަނުކުރަން ފާސްކުރި ރިލްވާނަކީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެސެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެއެވެ. އެކަމުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާއިރު، އޭނާގެ ކެރިއަރު ފެށީ ޓީވީއެމް އިންނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގައި ހުންނެވި މުހައްމަދު ފަޒީން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.