
މި މުޒާހަރާގައި ބައިވެރިން ބުނެފައިވަނީ ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް އެއްވެސް ރައްޔިތަކަށް ނުލިބޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓާއި ޖޭއެސްސީ މިނިވަން ކުރުމަށާއި ސަރުކާރުން ފަނޑިޔާރުގެއަށް އަތް ނުބޭނުމަށް ގޮވާލާފައިވެއެވެ.
މުޒާހަރާކުރަން ބޭނުންވީ ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރިއަށް ނަމަވެސް، ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށް ކޯނު ޖަހާފައެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިން މަޖީދިއްޔާ ސްކޫލު ކައިރީގައި އެއްވެ އަޑު އުފުލާފައިވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ ސްކޫލެއްގެ ކުރިމަތީގައި ތިބެގެން އިހުތިޖާޖު ކުރަން މަޖުބޫރުކުރުވާފައިވާ ކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔާފައެވެ.
މުޒާހަރާގައި ބައިވެރިން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ، ރައްޔިތުން މަޖިލީހުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ބުނެފައެވެ. އަދި ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިސްތިއުފާއަށްވެސް ގޮވާލާފައިވެއެވެ.