
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ އަތްދަށަށް ޖުޑިޝަރީ ގެނައުމަށް ހިންގި ގައިރު ގާނޫނީ ކަމެއް ކަމަށެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިޔައީ އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށެވެ. އަދި އެކަން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް ގެނައި ނަމަވެސް ކޮމިޓީން އެކަމަށް އަޅާ ނުލިކަން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ކޮމިޓީ މަރުހަލާގައި ދެ ފަނޑިޔާރުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދުނު ނަމަވެސް ކޮމިޓީން އެކަމަށް ފުރުސަތު ނުދިންކަން ފާހަގަކޮށް އެމްޑީޕީން ބުނީ، "އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން އެ ފަނޑިޔާރުން މަހުރޫމް ކޮށްފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ މުޅިން ހިލާފަށް އަދި ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ހިލާފު ނިންމުމެއް ކަމަށެވެ. އަދި މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި، ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އަމަލެއް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.