
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެށި ބަންކަރިންގެ ހިދުމަތަށް މިހާތަނަށް 7.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ 114 މިލިއަން ރުފިޔާ އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށައިގެން އާމްދަނީ ހޯދީ މުޅިން އަލަށް ރާއްޖެ ގެނައި ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެންނެވެ. ބަންކަރިންގެ ޚިދުމަތުން ލިބުނު އާމްދަނީގެ 95 ޕަސެންޓަކީ ހަމަ އެކަނި ވީއެލްއެސްއެފްއޯ ބަންކަރުކޮށްގެން ލިބުނު ފައިސާ ކަމަށް އޭނާ ވިދަޅުވިއެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ. އެ ހިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ ގުޅިގެންނެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރުގައި ފެށި އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.