
ސައޫދީއަށް ޓްރަމްޕް ކުރެއްވި ރަސްމީ ދަތުރުގައި ސީރިއާގެ ލީޑަރު އަހްމަދު އަލް ޝަރާއާ ބައްދަލުކުރައްވާފައި ވާއިރު މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ސީރިއާގެ ލީޑަރަކާ ބައްދަލުކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސްއަށް ވަނީ ވެފަ އެވެ.
ޝަރާ އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާ އެކު މީގެ ކުރިން ހަނގުރާމަވެރިއެއްގެ ގޮތުގައި ހުރި އަދި އެމެރިކާ "ވޯންޓެޑް ލިސްޓު" ގައި ވެސް އޮތް ބޭފުޅެކެވެ. މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކުގައި ލީޑަރެއްގެ ގޮތުގައި ހުރީ އޭނާ އެވެ.
ޓްރަމްޕާއި ޝަރާ، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހާޒިރުގައި ބައްދަލުކުރައްވައި ސަލާންކުރެއްވި އެވެ. އަދި ސީރިއާގެ އާ ސަރުކާރަށް އެހީވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުޣަން ވެސް ވީޑިއޯ ލިންކަކުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.
ޓްރަމްޕް، ގަލްފުގެ ބައެއް ގައުމުތަކަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ސޫރިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި، ސޫރިޔާ ވަނީ އެމެރިކާއަށް ހުޅުވާލާފައިވާ ކަމާއި ސޫރިޔާ އޮތީ އެގައުމުގައި ޓްރަމްޕް ޓަވަރުގެ ނަމުގައި ޓަވަރެއް އެޅުމުގެ ފުރުސަތު ދޭން ތައްޔާރަށްކަމަށް ބުނެފައިވެ އެވެ. އަދި އިސްރާއީލާ އެކު ސުލްހަވެރި ގުޅުމެއް ބާއްވަން ބޭނުންކަމާއި އީރާނާދެކޮޅަށް މަސައްކަތްކުރަން ސޫރިޔާ އޮތީ ތައްޔާރަށް ކަންވެސް އެބަޔާން ބުނެ އެވެ.
ވައިޓް ހައުސްއިން އިން ބުނީ ގަލްފުގެ އަރަބި ބައެއް ގައުމުތަކުން ސޮއިކުރި އަބްރަހަމް އެކޯޑްގައި ބައިވެރިވެ އިޒްރޭލާ އެކު އާންމު ހާލަތުގެ ގުޅުމެއް ގާއިމުކޮށްދިނުމަށް ޓްރަމްޕް ސީރިއާގެ ލީޑަރުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ސައޫދީގެ ރިޔާޟްގައި އަރަބި ބައެއް ލީޑަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ދުނިޔޭގެ މާލީ ނިޒާމުން ސީރިއާ އެކަހެރިކޮށްފައިވާ އެކަހެރިވުން ނިމި، ސީރިއާގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމާއަތްތަކުގެ ބައިވެރިވުން އިތުރުވެގެންދާނެ އެވެ. އަދި ބޭރުގެ އިންވެސްޓްމަންޓަށް ފުރުސަތު ތަނަވަސްވެ، ވިޔަފާރީގެ ފުރުސަތު ތަނަވަސްވެ، ގައުމު އާރަސްތު ކުރުމުގެ ދޮރު ހުޅުވިގެންދާނެ އެވެ.
ބައްޝާރުލް އަސަދުގެ ވެރިކަމުގައި އެމެރިކާއިން ސޫރިއާއަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، 13 އަހަރަށް ވުރެ ގިނަ ދުވަހުގެ ހަނގުރާމައަށް ފަހު ޑިސެމްބަރު މަހު އަސަދު ވެރިކަމުން ވައްޓާލި ފަހުން ވެސް އެމެރިކާއިން އެ ފިޔަވަޅުތައް އުވާލާފައެއްނުވެ އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ސީރިއާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމާއި، އެ ގައުމުގައި އިންވެސްޓް ކުރުން ހުއްޓާލުމާއި، އިސް އޮފިޝަލުންގެ އެކައުންޓުތައް ފްރީޒް ކުރުމާއި އެހެނިހެން މާލީ ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ.