
މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މުލީ އެއާޕޯޓް މުލީ އެއާޕޯޓަށް މިދިޔަ މަހުގެ 25ގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސިއެވެ. އަދި މިމަހުގެ އެއްވަނަދުވަހު އެ އެއާޕޯޓް ރަސްމީކޮށް ހުޅުވަން ތައްޔާރުވެސް ވިއެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތު ބާއްވަން ވަރަށް ވަގުތު ކުޑަވެފައިވަނިކޮށް ވަނީ ކެންސަލްކޮށްފައެވެ.
މުލީ ރައްޔިތުން ބުނީ އެއާޕޯޓް ހުޅުވުން ފަސްކޮށްފައިވަނީ އެ ރަސްމިއްޔާތެއް ބޮޑެތި ހޭދަތަކެއް ކުރުމަށްފަހުކަމަށެވެ. އެގޮތުން ރަސްމިއްޔާތު ބާއްވަން ބޭނުންވާ ތަންތަން ހަދާ އެނޫންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައްޔިތުން ފާހަގަކުރިއެވެ.
މީގެއިތުރުން އެ ރަސްމިއްޔާތު ލައިވްކުރުމަށާއި ތަން ތައްޔާރުކުރުމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ޓީމްތައް އައިސް މަސައްކަތްކޮށްފައިވާކަމަށްވެސް ރަށު ރައްޔިތުން ބުނިއެވެ. އަދި ރަސްމިއްޔާތު ލައިވްކުރުމަށް ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ރަށަށް އައިކަން ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުން މިމަހުގެ 20 ވަނަދުވަހު ބޭއްވުމަށް އަނެއްކާވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރެިވެޑައުގަތުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފައެވެ.
512 ދުވަސްފަހުން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މުލީ އެއާ ޕޯޓް ހުޅުވަން ވަޑައިނުގަތީ ކަމަކަށް ކަމެއް ނުކުރަންވަން ކަމަށެވެ. އެގޮތުން އެއާޕޯޓް ހުޅުވަން އޮތް ދުވަސް ޖެހުނުއިރުވެސް އެއާޕޯޓްގެ ބައެއް މަސައްކަތް ނިމިފައި ނުވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މުލީ އެއާޕޯޓަށް ދަތުރުތައް ފެށުމަށް އެތެރޭގެ އުދުހުންތައް އޮޕަރޭޓުކުރާ މޯލްޑިވިއަންގެ އިތުރުން ވިލާ އަދި މަންތާއަށް އާރުއޭސީއެލް އިން ވަނީ ފުރުސަތު ހުޅުވާލަފައެވެ. އެއާއިއެކު މޯލްޑިވިއަނުން ވަނީ މިމަހުގެ 17ގައި ދަތުރުތައް ފަށަން ނިންމާ މުލީ ޓިކެޓްްގެ އަގުތައްވެސް އާއްްމުކޮށްފައެވެ.