ads
ބައްސާމް އަދި ޖަވާޒް
މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ދިޔައީ ނަގަމުން
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ނަގަމުން ދިޔަކަން ހާމަވެއްޖެއެވެ.
Advertisement

އެފްއޭއެމުން ބައްސާމް މަހަކު، 5000 ޑޮލަރުގެ އެލަވަންސެއް ނަގާކަން ހާމަވީ ބައްސާމްއާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތުގައި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް، މުހްމަދު އަގީލް ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން އަގީލްއާ ދެކޮޅަށްވެސް ދައުވާ ކުރެއެވެ.

މިދިޔަ ހަފްތާގައި އޮތް ޝަރީއަތުގައި ހެކިބަސް ދެމުން އަގީލްވަނީ މަހަކު 5000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ބުނެފައެވެ. ޝަރިއަތުގައި އެނގުނު ގޮތުގައި ކުރިން ބައްސާމް ނެންގެވީ މަހަކު 3000 ޑޮލަރުގެ އެލަވަންސެކެވެ. މިއީ އެފްއޭއެމްގެ އެކްސްކޯއިން ފާސްކޮށްގެން ނެގި އެލަވަންސެއް ކަމަށް ދޭހަވާ ގޮތަށް ބައްސާމްގެ ދިފާއީ ޓީމުން ވާހަކަ ދެއްކިއެވެ. ބައްސާމްއާ ދެކޮޅަށް މިހާރު ހިނގަމުންދާ 10000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގައި ބައްސާމްގެ މައިގަނޑު ދިފާއަކީވެސް އެ ފައިސާއަކީ އޭނާއަށް ލިބޭ މުސާރަ ކަމަށެވެ.

2023 ވަނަ އަހަރުގެ ތެރޭގައި މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި ބައްސާމްވަނީ އޭނާއަށް ބައިލައްކައެއްހާ ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް ވިދާޅުވެފައެވެ. އެކަމަކު ޝަރީއަތުގައި ކުރިއަށްދަނީ 10000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައެކެވެ.

"އަޅުގަނޑަށް އިނދޭ އެގްޒެކެޓިވް ކޮމިޓީން ނިންމާފަ އިންނަ އެލަވެންސެއް. ގާތްގަނޑަކަށް 50،000 ރުފިޔާ ވަރު އިންނާނެ. އެކަމަކު އެ ވެސް އަޅުގަނޑަށް ނުލިބޭތާ މިހާރު ވެދާނެ ތިންވަރަކަށް އަހަރު. އެހެންވީމަ މިދިޔަ ތިން އަހަރު އަޅުގަނޑު ނީންނާނެ އެ އެލަވެންސް ވެސް ނަގާފައެއް،" ބައްސާމްއާ ހަވާލާދީ 2023 ވަނަ އަހަރު މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ބައްސާމްގެ ޝަރީއަތުގައި މިދިޔަ ހަފްތާގައި އަގީލްގެ އިތުރުން އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރި ދެ މުވައްޒަފަކުވަނީ ހެކިބަސްދީފައެވެ. އެއީ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެކެވެ.

ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބައްސާމް ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެއެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް