
ދޮޅު ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާރިޗު މަހު ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން ޕީޖީން ދޫކޮށްލި މީހަކީ، މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ޠިބާގުއެވެ. އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީތަކުގެ ދަފްތަރުން އެނގޭ ގޮތުގައި މި މީހާއަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މީހެކެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އާއިޝަތު ނުޒުހާ، މި މީހާ މިއަދު ދޫކޮށްލި ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮތީ، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކާއި ކުރެވެން ހުރި ދައުވާތަކަށް ރިއާޔަތްކޮށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށެވެ.
ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހިމެނޭ ގްރޫޕަކުން މި މީހާ ހައްޔަރުކޮށްފައިވަނީ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ.
އެ މީހުން ހައްޔަރުކުރީ މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެ ތަން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނުއިރު، އެ ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށް ވުރެ ގިނަ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.