ގައްޒާގައި އިސްރާއީލުން ހިންގަމުންދާ "ޖެނޮސައިޑަލް" ނުވަތަ ގުތުލްއާމު ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ވަގުތުން ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލުއްވައިފިއެވެ.

Advertisement
ރައީސް މުއިއްޒު ޓުވިޓަރގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައްޒާގައި އިސްރާއީލުން އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ ހަމަލާތައް އެމަނިކުފާނު ވަރަށް ހަރުކަށި ގޮތެއްގައި ކުށްވެރިކުރައްވާ ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ގައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ވަގުތުން އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ރާއްޖެއިން ގޮވާލާ ކަމަށެވެ. އަދި "އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ގާނޫނާއި އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލާ،" ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ޓުވީޓުގައި އިސްރާއީލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވުމަށްވެސް ގޮވާލުއްވާފައިވެއެވެ. ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އެތަކެއްހާސް މީހުން މަރުވެފައިވާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ރާއްޖެއިން ވަނީ ފަލަސްތީނުގެ މައްސަލައިގައި ފަލަސްތީނު ރައްޔިތުންނަށް ތާއީދުކުރާކަން ތަކުރާރުކޮށް ބަޔާންކޮށްފައެވެ.