
މިއަދު ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނުއާ ސުވާލު ކުރުމުގެ އިންތިޒާމު، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ހަމަޖެއްސުމަށް ތައްޔާރުވެފައި ތިބި ކަމަށެވެ. އެގޮތުން، އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން އެ ގައުމުގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކީ މެޑިކަލް ޑޮކްޓަރެއް ކަމަށް އެ ބަޔާނުގައި ބުނެފައި އެވެ.
ފުލުހުން ބުނީ ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.
އެ ބަޔާނުގައި ބުނީ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު، އާއިލާގެ އެއްބާރުލުން ނުލިބުމުން މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުންޏެވެ.
ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ، ޔުމްނުއާ ހަވާލާދީ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައިވެ އެވެ.
ޔުމްނުގެ ދައްތަ ބުނީ ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ވެއްޓުނު ވަގުތު، އެ މައްސަލައިގައި މިވަގުތު ހަމައެކަނި ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދުގެ އިތުރުން ތިން މީހަކު ހުރި ކަމަށް ޔުމްނުއާ ހަވާލާދީ އާއިލާއިން ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި މިހާތަނަށް އަދި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިންގާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކޮށް، އެ ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުން ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެ އެވެ.
ފުލުހުންގެ އިހުމާލުތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެއްލެވުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ހައްދަވައިފަ އެވެ.